ހަތަރު ދުވަސް ފަހުން އަލިފުއްޓަށް ކަރަންޓު ދީފި

ރ.އަލިފުށިން ކަރަންޓު ކެނޑުނުތާ ހަތަރު ދުވަސް ފަހުން އެރަށަށް ކަރަންޓު ދީފި އެވެ.
އަލިފުށިން ކަރަންޓު ކެނޑުނީ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެދުވަހުއްސުރެ މަސައްކަތްކުރެވި، އެރަށަށް ވަނީ 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ.
މަގުމަތީގައި ލަކުޑި އަޅައިގެން ހޮޅިމަތީ ދަމާފައި އިންޖީނުގެއާ ހަމައަށް ޖަނަރޭޓަރު ގެންދިޔައީ އެރަށު ރައްޔިތުން ނެވެ. މި މަސައްކަތުގައި ރަށުގެ 500 އެއްހާ ފިރިހެނުން ވަނީ ހަރަކާތްތެރިވެފައިވަ ކަމަށް މައުލޫމާތު ލިބެއެވެ.
އިއްޔެ މެންދުރު 2:00 އިން ފެށިގެން ކުރި މަސައްކަތުން ޖަނެރޭޓަރު އިންޖީނުގެއާ ހަމައަށް ގެންދެވުނީ ރޭ 07:30 ހާއިރު އެވެ. އަލިފުއްޓަށް ކަރަންޓު ދީފައިވަނީ އިއްޔެ އެރަށަށް ގެންދިޔަ 600 ކިލޯވޯޓުގެ ޖަނެރޭޓަރާއި، ކުރިން އެރަށުގައި ބޭނުންކުރަމުން ދިޔަ 400 ކިލޯ ވޯޓުގެ ޖަނެރޭޓަރު ގުޅުމަށްފަހު މިއަދު ހެނދުނު 6:00 ކަންހާއިރު އެވެ.
ރޭ މެންދަމުން ފެށިގެން ވެސް 400 ކިލޯވޮޓުގެ ޖަނަރޭޓަރުން ވަނީ ކަރަންޓު ފޯރުކޮށްދޭން ފަށާފައެވެ. އަލިފުށިން ކަރަންޓު ކަނޑައިގެން ދިޔައީ އެރަށުގައި މީގެ ކުރިން ބޭނުންކުރަމުން ދިޔަ 600 ކިލޯވޮޓުގެ ޖަނެރޭޓަރުގެ ރޭޑިއޭޓަރަށް މައްސަލަ ދިމާވެގެން ނެވެ. އެ ޖަނެރޭޓަރު މަރާމާތު ނުކުރެވިގެން އެރަށަށް 200 ކިލޯވޮޓުގެ ޖަނަރޭޓަރެއްވެސް ގެންދިޔަ އެވެ. އެކަމަކު އެ ޖަނެރޭޓަރުގެ ޕެނަލް ބޯޑު ސިންކްރޮނައިޒް ނުވުމުގެ ސަބަބުން ކަރަންޓު ފޯރުކޮށް ނުދެވުނެވެ.
ދެހާސް އަށްސަތޭކަ މީހުންގެ އާބާދީއެއް އޮންނަ އަލިފުށީ ރައްޔިތުން މި ހަތަރު ދުވަހު ނިދީ މަގުމަތީގައި ތަންމަތި އަޅައިގެން ނެވެ.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ ކަރަންޓުގެ ޚިދުމަތުން މަހުރޫމްވުމަކީ ރައްޔިތުންނަށް ވަރަށް ނިކަމެތިކަމެއް ކުރިމަތިވި ކަމެއް ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ