މަސީހާ ދެކޮޅަށް އެމްޕީ އަހުމަދު ރަޝީދުގެ ސޮއި ހޯދި ގޮތް ބޮޑު އަރަތަކަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައިވަނީ 45 މެމްބަރުންގެ ވޯޓާ އެއްކޮށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނަށް ވަފާތެރި މަޖިލިސް މެމްބަރުންވެސް ހިމެނި ވަޑައިގަންނަވައެވެ. މަސީހުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ކޮށްފައިވާކަމަށް އެ ލިސްޓުން ފެންނަ މެމްބަރުންގެ ތެރޭގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހިމެނިވަޑައިގަންނަވައެވެ. މައްސަލަ މަޖިލީހަށް ވެއްދިތާ އިރުކޮޅެއް ތެރޭ އަހުމަދު ރަޝީދު ރަޝީދު ވަނީ އެއީ 'ވަގު ސޮއެއް' ކަމަށް ވިދާޅުވެފައެވެ. އަހުމަދު ރަޝީދު ވިދާޅުވެފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި އިރު އެމަނިކުފާނުގެ "ސޮއި އޮތް ވާހަކަ އަޑުއިވޭ" ކަމަށެވެ. ނަމަވެސް އެއީ ދޮގު ހަބަރެއް ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. " އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ބޭނުންވާނެތޯއޭ އަޅުގަނޑުމެން ދާއިރާގައި ބަނދަރުގައި ހިލަ ޖަހަންވެފައި އޮއްވައި އެކަން ހުއްޓުވާލަން، ނޫނީ ދަނބިދޫއާއި ކަލައިދޫއާއި ގުޅުވާލާ ކޯޒްވޭ އަޅަން ތައްޔާރުވެފައި އޮއްވައި އެކަން ހުއްޓުވާލަން،" އަހުމަދު ރަޝީދު ވިދާޅުވި އެވެ. އަހުމަދު ރަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ ރައީސް ޔާމީނާ އެކުގައި މި ސަރުކާރާ އެކުގައި ކަމަށެވެ. މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި އަހުމަދު ރަޝީދު ސޮއިކުރައްވަން އިންނެވި ކަމަށް ބުނާ ފޮޓޯ: އަހުމަދު ރަޝީދު ވިދާޅުވަނީ އެއީ ހަދާފައިވާ ފޮޓޯއެއް ކަމަށް --- އަހުމަދު ރަޝީދު ސޮއި ނުކުރާ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ސޮއިކުރައްވަން އިންނެވި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ފޮޓޯގައި އަހުމަދު ރަޝީދާއެކު އިންނެވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނެވެ. ސޮއިކުރައްވަން އިންނެވި މަންޒަރު ފޮޓޯއިން ފެންނައިރު ކައިރީގައި، މޭޒުމަތީގައި އަހުމަދު ރަޝީދުގެ ފޯނާއި، ސައިކަލުގެ ތަޅުދަނޑިވެސް އޮތެވެ. އެ ފޮޓޯއާ ގުޅިގެން އަހުމަދު ރަޝީދު ވިދާޅުވީ "މި ޒަމާނުގައި ފޮޓޯ ހެދިދާނެ" ކަމަށެވެ. " ސައިންސާއި ޓެކްނޮލޮޖީ މިހާ ކުރި އަރާފައި އޮތް ޒަމާނެއްގައި ފޮޓޯއެއް ތައްޔާރު ކުރެވިދާނެ، އޭއްޗިއްސަކީ އަޅުގަނޑު އިތުބާރުކުރާ އެއްޗިއްސެއް ނޫން،" އަހުމަދު ރަޝީދު ވިދާޅުވި އެެވެ. ބައެއް މެމްބަރުންގެ ސޮއި ވަގަށް ކޮށްފައިވާ ކަމަށް ސަރުކާރު މަޖިލިސް މެމްބަރުން ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވައި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، " އެބޭފުޅުން އެކަހަލަ ވާހަކަ ދައްކާވާނެ" ކަމަށެވެ. އަދި އެއީ ދެރަވެގެން ދައްކަވާ ވާހަކަ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރު އަހުމަދު ރަޝީދުގެ ވަގު ސޮއި ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ ފޮރެންސިކުން މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އެ ސޮއިގެ ސައްހަ ކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. ބެލެވޭގޮތުން އަހުމަދު ރަޝީދުގެ ފަރާތުން އެމައްސަލަ ފުލުހުންނަށް ހުށަހަޅާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ