ރީކޯ މޫސަގެ ނަން ދަފްތަރުގައި ހިމެނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން: ޕީޕީއެމް

ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ނަން ޕީޕީއެމްގެ ދަފްތަރުގައި ހިމަނާފައިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލްވިދާޅުވީ ސުޕްރީމް ކޯޓުގެ ރީކޯގެ ނަން ޕީޕީއެމް ދަފްތަރުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި މަޖިލީހަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ. "އަޅުގަނޑަށް އެނގިފަ އޮތް ގޮތުން ރައއްޔިތުންގެ މަޖިލީހަށް އަންގާފަ ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިއަށް. ޕީޕީއެމްގެ ދަފްތަރުގަވެސް ހިމެނިފަވާ ކަމަށް،" ހަލީލް ވިދާޅުވި އެވެ. އެހެން ކަމުން ރީކޯގެ ގޮނޑި ގެއްލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަލީލް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ޕާޓީގެ އުސޫލާ ހިލާފަށް މަޖިލީހުގެ ރައީސާ ދެކޮޅަށް ސޮއިކުރި މެމްބަރުންގެ މައްސަލަ އެދުވަހުން އެދުވަހަށް ސުލޫކީ ކޮމިޓީއަށް ވައްދާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސުލޫކީ މައްސަލަތަކަކީ ވަކިކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މީހަކު ޕާޓީއަށް ވަނުމުގައި މާ ބޮޑު އުސޫލުތަކެއް ނެތް ނަމަވެސް މީހަކު ޕާޓީން ވަކިކުރާ ނަމަ އަމަލު ކުރަންޖެހޭ ގިނަ ކަންތައްތަކަކާއި އުސޫލުތަކެއް އޮންނަ ކަމަށެވެ. އެގޮތުން މީހަކު ޕާޓީން ވަކިކޮށްފި ނަމަ އެ ބޭފުޅަކަށް އެކަން އިސްތިއުނާފު ކުރެވޭނެ ކަމަށާއި، އެހެން ކަމުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ. "މީހަކު ވަކި ކުރަން އޮންނަ އުސޫލު ތަކެއް ހުންނާތީވެ ފުރިހަމަ ނުކޮށްފިއްޔާ އަނެއްކާ އެބޭފުޅުން އިސްތިއުނާފަށް ވަޑައިގަންނަވާތީވެ، އަޅުގަނޑުމެން ބަލަން ޖެހޭ ބެލުންތަކެއް ހުރެ ބެލުންތައް ބެލުމަށްޓަކައި ވަގުތުތަކެއް ބޭނުންވޭ. އެ ވަގުތު ތަކަކީ މީހަކު ވަންނަން އައިމަ އޭގަ މާބޮޑު އުސޫލެއް ނޯންނާތީވެ ސޮއިކޮށްލާފަ ދަފްތަރުގަ ޖަހާލާފަ މިތަނުން ސިޓީއަކާ އެކު އިލެކްޝަނަށް ފޮނުވާލީމަ ނިމުނީ. އެހެން ވީމަ އެ ދޭތީގެ ވަގުތުގެ ތަފާތަކަށްވީ މިވާހަކަ،" އާރިފް ވިދާޅުވި އެވެ. އާރިފް ވިދާޅުވީ، މަޖިލީސް ހިމާޔަތް ކުރުން މަތިކޮށްފައިވަނި ސަލާމަތީ ހިދުމަތްތަކަށް ކަމަށާއި، އެހެން ކަމުން ޖަލްސާއެއް އިއްޔެ އޮންނާނެ ކަން އިއުލާންކޮށްފައިނުވާއިރު، އިދިކޮޅު ފަރާތްތަކުން ގަދަބާރުން މަޖިލީހަށް ވަނުމުން އެ މެމްބަރުން ނެރެ މަޖިލިސް ހިމާޔަތް ކުރުމަކީ ފުލުހުންނާއި ސިފައިންގެ ވާޖިބެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ގާނޫނު އަސާސީއާ ޚިލާފަށް ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމަށާއި އެކަންކަން ހުއްޓާލުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ