މާލީ ދާއިރާ ހަރުދަނާ ކުރުމަށް މާލީ ދާއިރާގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ޖެހޭ: އިގްތިސާދީ ވަޒީރު

ދިވެހިރާއްޖޭހެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ހަލުއި މިނެއްގައި ތަރައްގީކޮށް ކުރިއަށް ގެންދިއުމަށްޓަކައި މާލީ ދާއިރާގެ ތަރައްގީގެ ޕްލޭނެއް ނުވަތަ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓް ޕްލޭނެއް އެދާއިރާގެ ރެގިއުލޭޓަރީ އިދާރާތަކާއި ސަރުކާރާ ގުޅިގެން އެކުލަވާލައި ތަންފީކުރަން ޖެހޭ ކަމަށް އިގްތިސާދީ ވަޒީރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމްކޮށްގެން ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަން ކުރުމަށް ފުރަތަމަ ފަހަރަށް ފާހަގަ ކުރާ "މާލީ ރޭ 2013" ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން އަޙްމަދު މުޙައްމަދު ވިދާޅުވީ މާލީދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެދާއިރާއާބެހޭ ހޭލުންތެރިކަން އިތުރުކޮށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
"މާލީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެދާއިރާއާބެހޭ ހޭލުންތެރިކަން އިތުރުކޮށް ފުޅާ ދާއިރާއެއްގައި އަތޮޅުތަކަށް މާލީ ހިދުމަތްތައް ފުޅާކުރަން ޖެހޭ. ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންތައްތައް ތަންފީޒު ކުރުން. ކޯޓުތަކުގެ ބޭރުން މާލީ ދާއިރާގެ ދެބަސްވުންތައް ނުވަތަ މައްސަލަތައް ހައްލު ކުރެވޭނޭ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމްއެއް ގާއިމުކުރުން. އަދި މިނޫން ވެސް މާލީ ދާއިރާއަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ތައާރަފުކޮށް މާލީ ދާއިރާއާ ބެހޭ ހޭލުންތެރިކަން ފުޅާ ދާއިރާއެއްގައި އިތުރު ކުރުމަށާއި، މާލީ ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގުން،" އިގްތިސާދީ ވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަހަށް ފައިސާ ރައްކާތެރި ކުރުމުގެ ބޭނުންތެރިކަމާއި އެކަމުން ލިބޭނޭ މަންފާ އާއި ފައިދާގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި އާންމުކޮށް މާލީ ދާއިރާގައި ޑިޕޮސިޓް ކުރެވޭ އަދި އިންވެސްޓް ކުރެވޭ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރުމާއި ބޭރުފަރާތް ތަކުން ރާއްޖޭގެ މާލީ ދާއިރާގައި އިތުރަށް އިންވެސްޓުކުރުމާއި ފުރުސަތުތައް ފަހި ކުރުމާއި ރާއްޖޭގެ މާލީ އިދާރާތަކުން ރާއްޖެއިން ބޭރުގައި އިންވެސްޓު ކުރެވޭނޭ ފުރުސަތުތައް ހޯދައި ދިނުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒު ކޮށްގެން އެސްއެމްބީ ބޭންކެއް ގާއިމު ކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކްރެޑިޓް ބޭންކިން ސްކީމެއް ތައާރަފު ކުރުމާއި ރާއްޖޭގެ ސްޓޮކް މާކެޓަކީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ މުއާމަލާތްތައް ހިނގާ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
އެގޮތުން ޕަބްލިކް ކުންފުނިތަކުގެ ހިއްސާއަކީ ހަރު މުދަލެއްގެ ގޮތުގައި ރައްކާ ކޮށްފައި ބޭއްވުމަށްވުރެ ގަނެވިއްކުމުގެ މުއާމަލާތްތައް މެދުވެރިކޮށް ހިއްސާގެ ފައިދާއާއި މަންފާ ނެރެވޭނޭ އެއްޗެއްކަން ދައްކުވައިދޭނޭ މަސައްކަތްތައް ކުރުމާއި އިސްލާމިކު ފައިނޭންސިންގެ ހިދުމަތްތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ތައާރަފް ކުރެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމާއި މުޅި ރާއްޖެއަކީ އޯފްޝޯ ފައިނޭންޝަލް ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފަންޑު މެނޭޖުމަންޓާބެހޭ ހިދުމަތްތައް ތައާރަފް ކުރުމާއި މިހާރަށްވުރެ ބޭނުންތެރި ގޮތެއްގައި ދިވެހިރާއްޖޭގެ ޕެންޝަން ފަންޑު ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުންފަދަ ކަންކަން އެފަދަ ޕްލޭނެއްގައި ހިމަނަން ޖެހޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިގްތިސާދީ ވަޒީރުގެ ވާހަކަފުޅުގައި މާލީ ދާއިރާ ތަރައްގީކޮށް މާލީ ހިދުމަތްތައް ފުޅާވެގެން ދިއުމަކީ އިގްތިސާދު ކުރިއެރުވުމަށާއި ފުދުންތެރިކަން އިތުރުކުރުމަށް ފުރިހަމަވާން ޖެހޭ މައިގަނޑު އެއް އަސާސް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ބޭންކިންގެ ހިދުމަތާއި ފަހަށް ރައްކާކުރުމާއި އިންވެސްޓު ކުރުމުގެ ފުރުސަތުތަކާއި އިންޝުއަރެންސްގެ ހިދުމަތްތަކާއި ޑެޓް އަދި އިކުއިޓީ ފައިނޭންސްގެ ހިދުމަތަކަކީ ފަހަށް ރައްކާކުރުމަށާއި ކުރިމަތިވެދާނޭ މާލީ ގޮންޖެހުންތަކަށް ރައްކާތެރިކަން ހޯދުމަށާއި ވިޔަފާރިތައް ފެއްޓުމަށާއި އެ ވިޔަފާރިތައް ފުޅާކޮށް ހަރުދަނާ ކުރުމަށާއި ވާދަވެރި ވިޔަފާރީގެ މާހައުލެއް ބިނާކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އަދި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފަށައިގަތުމުގައި އެފަރާތްތަކަށް ލިބިފައިވާ އެސެޓެއް ނުވަތަ އިލްމާއި ހުނަރާއި ތަޖުރިބާގެ ބޭނުން ފުރިހަމަގޮތުގައި ހިފައި އާމްދަނީގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް މާލީ ދާއިރާ ފުޅާކޮށް މާލީ ހިދުމަތްތައް އަމާޒު ކުރުމަކީ ގައުމީ ތަރައްގީގެ ދުވެލި ހަލުއިކުރުމަށް އިސްކަންދޭންކެހޭ ކަމެއް ކަމަށްވެސް ރާއްޖޭގެ އިގްތިސާދީ ވަޒީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ