ހަތަރު މެންބަރެއްގެ ގޮނޑިއާމެދު ހިލާފު އުފެދިގެން ސުޕްރީމް ކޯޓަށް ވެއްދި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުމުގައި ހުރި ނުކުތާތަކުން މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ގާނޫނީ ގޮތުން ފުންނާބު އުސް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން އެކި ފަރާތްތަކުން އެކި ގޮތަށް މާނަކުރަމުންދާތީ، މުހައްމަދު ނަޝީދު، އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވަނީ، ގޮނޑި ގެއްލިއްޖެކަމަށް ބުނާމީހުން ދަލީލު ދައްކަނީ ވެސް އެ ނިންމުމުން ކަމަށާއި ހަމައެހެން ގޮނޑި ނުގެއްލޭކަމަށް ބުނާމީހުންވެސް ދަލީލު ދައްކަނީ، ހަމަ އެ ނިންމުމުން ކަމަށެވެ. އަދި ގޮނޑި ގެއްލުނުކަމަށް ބުނާމީހުންނަށް އެކަން ކަށަވަރުވަނީވެސް، ގޮނޑި ނުގެއްލޭކަމަށް ބުނާމީހުންނަށް އެކަން ކަށަވަރުވަނީވެސް، ސުޕްރީމް ކޯޓުގެ ހަމަ އެ ނިންމުމުން ކަމަށެވެ.
"ކޯޓެއްގެ ނިންމުމަކުން ނުކުންނަންޖެހޭނީ، ކޮންމެވެސް އެއް ނަތީޖާއެކެވެ. އެހެންޏާ ގޮނޑި ގެއްލިއްޖެކަމެވެ. ނުވަތަ ގޮނޑި ނުގެއްލޭކަމެވެ. މި ދެކަންތައް އެއްތަނެއްގައި، އެއްވަގުތެއްގައި، ޖަމާވެ ނޯންނާނެތީއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އެ ނިންމުން ކޮންމެވެސް އެއްބަޔަކު، ރަނގަޅުނޫން ގޮތަކަށް އެބަ ތަރުޖަމާކުރެއެވެ.
ދެކޮޅަށް ދަތުރުކުރާ، ދެކޮޅަށް ވާންކުރާ، ދެ ނިންމުމެއް، އެއް ނިންމުމުގެ ތެރޭގައި އޮވެދާނެހެން ހީނުވާތީއެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މެންބަރު ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމުމަށްފަހު ވެސް، މި މައްސަލަ އަނެއްކާވެސް، އިހުއޮތްތަނަށް ރުޖޫއަވެ، ހައްލުނުވާ މައްސަލައެއްގެ ގޮތުގައި ދިގުދެމިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަޝީދު ވަނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޯޓުގެ ނިންމުމަށް ބަލައިގެން ގޮނޑި ނުގެއްލޭ ސަބަބުތަކާއި ގޮނޑި ގެއްލިއްޖެ ކަމަށް ބެލެވިދާނެ ސަބަބުތައް ދައްކަވާފަ އެވެ.
މުހައްމަދު ނަޝީދު ވިދާޅުވީ، އެ ނުކުތާތައް އެހެން ހުރުމުން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ގޮނޑި ގެއްލިއްޖެ ކަމަށް އިޝާރާތްކުރާ ނުވަތަ ދަލީލުކުރާ އެއްވެސް ޖުމްލައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، އެ ނިންމުމުގެ ތެރެއިން ފާހަގައެއް ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލައަކީ، އީސީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނަމަވެސް، އީސީގެ ނިންމުމަށް އެއްވެސް ހަވާލާއެއް ނެތްކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ހުށަހެޅި މައްސަލައިގައި ހައްލަކަށް އެދިފައިވާ ކަންކަމަށް ހައްލު ހޯދައިދީފައިނުވާތީ، އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބަލަން ބޭނުން ބަޔަކަށް އެކަން ކުރުމަށް އެ ނިންމުމުން، ފުރުސަތު ލިބިގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ހަތަރު މެންބަރުންނާއި އީސީއާ ދެމެދު ހިލާފުއުފެދުނީ، އީސީން ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުން، އޭގެމައްޗަށް ބައި-އިލެކްޝަން ބާއްވަން އީސީން ނިންމުމުންނެވެ. އޭގެމައްޗަށް މަޖިލީހުގެ ރިޔާސަތުން، އެއީ މަޖިލީހުގެ މެންބަރުންކަމަށް ގަބޫލުނުކުރުމުންނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ މި ނިންމުމުގައި، އީސީގެ އެ ނިންމުން ބާތިލުކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އަދި، ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭކަމަކަށްވެސް ސާފުބަހުން ބަޔާންކޮށްފައެއް ނެތެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ހުކުމަށް މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް - މެމްބަރު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ