ކާނަލް ނާޒިމްގެ މައްސަލާގައި އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ: ވަކީލު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގެ އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
އަދީބް ސޮއިކުރައްވާ އަދި އިނގިލީގެ ނިޝާން ޖައްސަވާފައިވާ ދެ ސޮފްހާގެ މި ސިޓީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ތާރީހު ޖަހާފައިވާ ސިޓީއަކުންނެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީގެ އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
ސިރާޖް އިތުރަށް ވިދާޅުވީ މި ސިޓީގެ އެއްވެސް ޖަވާބެއް ސުޕްރީމް ކޯޓުން ދީފައިނުވާތީ އެކަމާ ގުޅިގެން މިވަގުތު އިތުރު ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށެވެ.
އަދީބުގެ ސިޓީއާއި ގުޅިގެން ނާޒިމުގެ މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާއިން ވަނީ ސުޕްރީމް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ ކިބައިން އެދިފަ އެވެ.
ނާޒިމްގެ އާއިލާއިން ބުނާ ގޮތުގައި އެކަން ބަލައި ދިނުމަށް މިމަހުގެ ދެވަނަ ދުވަހު އެ އިދާރާތަކުގައި އެދިފައިވީނަމަވެސް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި އޭނާ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓަށް އަދީބް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓްގެ ތެރެއިން ފުލުހުން ހޯދި ފިސްތޯލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަަމަށެވެ. އެހެންނަމަވެސް އެ އެޕާޓްމަންޓުން ފެނުނު ހަތިޔާރު ތަކުގެ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިގެންފައި ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ނާޒިމްގެ މި މައްސަލައިގެ ޝަރީއަތް ހިނގަމުން ދިޔަ ދުވަސްވަރު ނާޒިމްގެ ފަރާތުން ކޯޓަށް ހުށަަހެޅި ދިފާއީ ހެކިންގެ ތެރޭގައި އަހްމަދު އަދީބްގެ ނަން ހިމަނާފައިވެ އެވެ. ނަމަވެސް ކޯޓުން އެ ފުރުސަތު ދީފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އަދީބްގެ ސިޓީގައި ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި ޝަރުއީ ކޯޓު ތަކަށާއި ދިވެހި ރައްޔިތުންނަށް ހާމަކުރައްވަން ޖެހިވަޑައިގަންނަވާ ހަގީގަތްތައް ހާމަކުރައްވަން އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.
ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފި އެވެ. އެގޮތުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ތެރެއިން ފެނުނު ފިސްތޯލައިން ނެގުނު ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް އަދީބްގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމާ ދޭތެރޭ ގޮތެއް ނިންމާނީ ޝަރުއީ ދާއިރާ އިން ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާ، މިމައްސަލަ ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން ފުލުހުން ހާމަކުރިން ފަހުންނެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަމާއި އެތަނުގައި އެ ފިސްތޯލަ ބޭއްވި ފުލުސް އޮފިސަރުގެ މައުލޫމާތު އިނގޭ ކަމާއި އަދި އެ މައުލޫމާތު ޝަރީއަތުގެ މަޖިލީހާއި ހިއްސާކުރުމަށް ބޭނުންވާ ކަމަށް ނާޒިމުގެ ގާނޫނީ ވަކީލުން އެދިފައި ވަނިކޮށެވެ.
ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރި މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމުން އެތަނުން ވެސް މިމައްސަލަ ނިންމުމަށްފަހު ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ކާނަލް ނާޒިމު މިނިވަން ކުރުމަށާއި ގާނޫނާ ގަވައިދާ ހިލާފަށް ނާޒިމް ބަންދުގައި ބަހައްޓާފައިވާތީ އޭނާއަށް ބަދަލު ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ