ހުކުމާއެކު އަދުރޭގެ ތައުރީފް ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) މަރުހަބާ ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމަންޖެހޭ ކަމެއް ނިންމުމުގައި ސުޕްރީމް ކޯޓު ފަސްނުޖެހޭނެކަން ސާބިތުކޮށްދީފި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ވާގޮތުގައި، ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
މިގޮތަށް ކަނޑައެޅީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި މެމްބަރުން ގޮނޑި ބަދަލުކުރަނީ މާލީ ފައިދާއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގެއްލޭކަން ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންޑިއާ ފާހަގަކޮށްފައިވެއެވެ.
މި ހުކުމުގައި ވަނީ މެމްބަރުން ޕާޓީން ވަކިވާނެ ގޮތްތަށް ވެސް ކަނޑައަޅާފައެވެ.
އެގޮތުން މެމްބަރަކު ޕާޓީން ވަކިވާނީ އެ މެމްބަރަކު ޕާޓީން ވަކިވުމަށް ޕާޓީއަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިކުރުމުންނެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމަށް ބަލާއިރު ޕީޕީއެމްއިން އެންމެފަހުން ވަކިވި 10 މެމްބަރުން އަދި ޕާޓީން ވަކިވެފައިނުވާނެ ކަމަށް ބެލެވެއެވެ. އެއީ އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނިކޮށްފައި ނުވާތީއެވެ.
އެހެންކަމުން އެ މެމްބަރުން ދެން ދަފްތަރުން އުނިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ