ތިން އަހަރަފަހު ލިބުނު ހިދުކޮޅު- ބަދަލުގެ ކޮޅުމަތި!

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ ތިން އަހަރަކީ މާލޭގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން މަނާ ކުރެވިފައިވާ ދުވަސްތަކެކެވެ. މަގަކަށް މާގިނަ ބަޔަކު އެއްވެ ސިޔާސީ ވާހަކަ ދެއްކުންވެސް ވަނީ މަނާ ކުރެވިފައެވެ.
ސަރުކާރުން އިދިކޮޅު ފަރާތްތައް ކަސްތޮޅު އަޅުވައި، ގިނަބަޔަކު ޖަލަށް ލެވުނެވެ. އިދިކޮޅުން ޖަގަހައެއްގައި އެއްވުމެއް ބާއްވެމަށް ނިންމައި މީހުން އެއްކުރަން ގޮވާ ޕިކަޕު ގެންދެވެނީ ޓޯ ޔާޑަށެވެ. މަގުމައްޗަށް ނުކުންނަން ގޮވާލާ މީހާއަކީ ޓެރަރިސްޓަކަށް ވެގެން ވެސް ހިނގައިދާނެއެވެ.
ރޭ ބޭއްވި ޖަލްސާ--ފޮޓޯ އެމްޑީޕީ
ނަމަވެސް އިދިކޮޅު ހަތަރު ލީޑަރުންގެ ހިތްވަރާއި މަސައްކަތުން ދިވެހިން ރިޔާސީ އިންތިހާބަށް ކުރަމުން އައި އުއްމީދުގައި ކުލަ ޖައްސާލަދިނީ ރޭ އިދިކޮޅު އެއްވުމަށް އެއްވި މީހުންނެވެ.
ޕީޕީއެމުން ހުކުރު ދުވަހު ބޭއްވި ޖަލްސާއަށްފަހު، އެމްޑީޕީއަށް ކާނިވާ ސަރަހައްދު އިއްޔެ ދޫކުރީ ހަތަރެއް ޖެހިއިރުއެވެ. ތަން އަތުރާލައި ރުކުރުވާ ލެވުނީ އިރުއޮއްސެމުން ދަނިކޮށެވެ. އިޝާ ނަމާދުކޮށްނިމުނު އިރު ކާނިވާ ސަރަހައްދުގައި ޖަހާފައިވާ ގޮޑިތައް ފުރާލީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހިތާރޫހުން އެއްވި މީހުންނެވެ.
ޖަލްސާ ފެށުމުގެ ގަޑިއެއްހާއިރު ކުރިން ކާނިވާ ސަރަހައްދުގައި ޖަހާފައިވާ ގޮޑިތައް ފުރި ދެފަހަރަށް ގޮޑި ގެންނަން ޖެހުނެވެ. އަދި މިވަރަކުން ފުދުނީއެއް ނޫނެވެ. ކާނިވާ ސަރަހައްދަށް އެއްވާން އަންނަ ސަފުތައް މަޖީދީ މަގުން ދިޔައީ ފައިބަމުންނެވެ. ޖަލްސާ ފެށުނުއިރު ކާނިވާ ސަރަހައްދު މަގާ ޖެހެންދެން ފުރި ބާރުވިއެވެ. އެއް ބަޔަކު ކާނިވާ ސަރަހައްދުގައި ހުރި އިމާރާތްތަކުގައިވެސް ތިއްބެވެ.
ރޭ ބޭއްވި ޖަލްސާ--ފޮޓޯ އެމްޑީޕީ
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ރައްޔިތުން ފިއްތާ ފިއްތާ އިނދެޖައްސާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފިއްތުންތަކަށް ދޫ ދެވެން ނެތް ކަމަށެވެ.
އިދިކޮޅު ކެމްޕޭންގައި މާލޭގައި އިސްކޮށް ހަރަކާތްތެރިވާ މައްޗަށްނގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ކޮމެޓިން އަބަދުވެސް ޝަކުވާ ކުރަމުންދަނީ މާލޭގައި އިދިކޮޅު ދިދަތަކާއި ފޮތިތައް ދަމާފައި ނެތުމާއި، ކެމްޕޭން ހަރަކާތްތައް ކުރިއަށް ނުދާތީ ކަމަށެވެ. އަދި ޖަލްސާއެއް ބޭއްވޭނީ ކިހާ ވަރެއްގެ ފުރުސަތެއް ލިބިގެންތޯ ކަމާމެދުވެސް ސުވާލު ކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އަބަދުވެސް ޖަވާބު ދެއްވަނީ މާލޭގައި ތިބީ މީހުން ކަމަށާއި، ހަރަކާތް ހިންގަން ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ރޭގެ ޖަލްސާއަށް އެއްވި މީހުން އެ ދިނީ އެ ސުވާލުތަކުގެ ޖަވާބު ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ދިވެހިން އެދެނީ ބަދަލަކަށް ކަމަށެވެ. އެގޮތުން ޖަހާ ކޮންމެ އެސްފިޔައެއް، އަދި ލާ ކޮންމެ ނޭވާއެއް ގާތްކޮށްދެނީ ރާއްޖެއަށް އަންނަން އުޅޭ ބަދަލަށް ކަމަށެވެ.
ރޭގެ އެއްވެފައިތިބި ގިނަ ބަޔަކާއި މުހާތަބު ކުރައްވާ އިބޫ ވިދާޅުވީ މިވަގުތު ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ރާއްޖެއަށް އަންނަން އުޅޭ ބަދަލަށް އެންމެން ތައްޔާރުވުން ކަމަށެވެ. އެހެން ވިދާޅުވިއިރު ރޭގެ ޖަލްސާއިން ފެނިގެން އެދިޔައީ އަންނަން އުޅޭ ބަދަލަށް ފެހި ސިގްނަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ