އުތުރަށް މޫސުން އިތުރަށް ގޯސްވަނީ، އޮރެންޖް އެލާޓު ނެރެފި

މިއަދުގެ ހަވީރާ ހަމައަށް، އުތުރުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ބަލައި، އޮރެންޖު އެލާޓު ނެރެފި އެވެ. ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައިވަނީ 15:15 އިން ފެށިގެން ހަވީރު 17:15 އާ ހަމައަށެވެ. މެޓުން ބުނީ މި ގަޑިތަކުގައި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ ރާޅު އެރުން އެކަށީގެންވާ ކަމަށެވެ. https://twitter.com/MetMaldives/status/1393146253773459467 އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި، އާދަޔާހިލާފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ. އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް އަތޮޅު ތަކަށް އަންނަނީ އުދަ އަރަމުންނެވެ. އެގޮތުން ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ އަށް އުދައަރަމުންދާ ދާކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. https://twitter.com/MetMaldives/status/1393150859073048579 މެޓުން މިއަދު ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. މެޓުން ވަނީ މިއަދު 15:30 ން 20:30 އަށް، ކ. އަތޮޅުން ފެށީގެން ވ. އަތޮޅަށް ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. މެޓުން ބުނީ އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރެވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ