ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބު ލިބިވަޑައިގެންނެވި ޤާސިމް އިބްރަޙީމް ކިތަންމެ ވަރަކަށް އެދުނަސް އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ވޯޓު ނުދޭނެ ކަމަށް މާމިގިލީގެ ގިނަ ރައްޔިތުން ބުނަން ފަށައިފި އެވެ.
ޤާސިމް އިބްރާޙީމްގެ އަމިއްލަ ރަށް ކަމުގައިވާ އދ. މާމިގިލީގެ ގިނަ ރައްޔިތުން މިހެން ބުނަންފަށާފައި މިވަނީ ގާސިމް އަށް ނާކާމިޔާބު ވުމުން ޖުމްހޫރީ ޕާޓީގެ ފަރާތުން އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމާފައި ވަނިކޮށް ގާސިމް އަމިއްލައަށް ނަޝީދުގެ ފަރާތުން ފޮނުވި މަންދޫބުންތަކަކާ ރޭ ބައްދަލު ކޮށްފައިވަނިކޮށެވެ.
މާމިގިލީގައި ގާސިމް އިބްރާޙީމަށް ކެމްޕޭނު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން ނަން ހާމަ ނުކުރުމަށް އެދި އެމްވީޔޫތަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މާމިގިލިން ޤާސިމް އިބްރާހީމަށް ވޯޓް ދިން އެއްވެސް މީހަކު ނަޝީދަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
އަދި ޤާސިމް އިބްރާޙީމް ޢާއިލާގެ އެއްވެސް މެންބަރަކުވެސް ނަޝީދަށް ވޯޓު ނުދެއްވާނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮކްޓޮބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި އިރު ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ރަނިންމޭޓް ކަމުގައި ހުރި ތަސްމީން އަލީ ވެސް ވަނީ ވަޙީދުއަށް ނާކާމިޔާބު ލިބުމާއި ގުޅިގެން ނަޝީދުއާއި ގުޅިވަޑައިގެންފައެވެ.
ތަސްމީން އަލީ އެމްޑީޕީ އަށް ތާޢިދުކޮށް މަސައްކަތް ކުރަން ފެށުމުން ފެނިގެން ދިޔައީ ޑީއާރުޕީގެ އެކި އެކި ގޮފިތަށް ތަސްމީނުގެ ނިންމުމާއި ދެކޮޅަށް ތެދުވެ ނަޝީދުއަށް ވޯޓު ނުލާނެކަން އިއުލާނުކޮށް ނަޝީދާއި ދެކޮޅަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން ދިޔަ ތަނެވެ.
ނަތީޖާ އަކަށް ވެގެން ދިޔައީ ތަސްމީނު ނަޝީދު އަށް ތާއީދު ކުރިނަމަވެސް ޑީއާރުޕީގެ ގިނަ މެންބަރުންގެ ވޯޓު ނަޝީދުއަށް ލިބިވަޑައިގެންފައި ނުވުމެވެ.
މާމިގިލީގެ ރައްޔިތުން ބުނަމުން ދަނީ ޤާސިމް އަމިއްލައަށް ނަޝީދުއަށް ތާއީދު ކުރި ކަމުގައި ވިޔަސް މާމިގިލިން ނަޝީދުއަށް ވޯޓު ނުލިބޭނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ޤާސިމް އިބްރާޙީމަށް ތާއީދުކުރާ ފަރާތްތަކުން ވެސް އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ ނަޝީދުއަށް ވޯޓުލުމާ ކަނޑައެޅިގެން ދެކޮޅުކަމަށެވެ.
ޤާސިމް އިބްރާހީމަށް ވޯޓު ދިން ފަރާތްތަކުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން މި މަހުގެ 16 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވޯޓުލާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް (ކެންޑިޑޭޓް ނަންބަރު: 03) ކަމަށާއި އެދުވަހު ބޮޑު ތަފާތަކުން ނަޝީދު ބަލި ކުރައްވާނެ ކަމަށް މާމިގިލީގެ ގިނަ ރައްޔިތުން ވަނީ ބުނެފައެވެ.
ގާސިމް ކިތަންމެ އެދުނަށް ނަޝީދަކަސް ވޯޓެއް ނުދޭނަން – މާމިގިލީ ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ