ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ މިއަދު އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ރަސްމީ ނަތީޖާއަށް ބަލާއިރު ކެންޑިޑޭޓު ނަންބަރު 1 އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވީ 50،422 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 24 ޕަސަންޓެވެ. ކެންޑިޑޭޓު ނަންބަރު 2 އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ލިބިވަޑައިގަތީ 10،750 އެވެ. އެއީ ވޯޓު ލީ މީހުންގެ 5 ޕަސަންޓެވެ.
ކެންޑިޑޭޓު ނަންބަރު 3 އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންނެވީ 53،099 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 25 ޕަސަންޓެވެ. އަދި ކެންޑިޑޭޓު ނަންބަރު 4 އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 95،224 ވޯޓެވެ. އެއީ 45 ޕަސަންޓެވެ.
ސައްހަ ވޯޓުގެ ގޮތުގައި އިލެކްޝަނުން ބުނެފައިވަނީ ދެލައްކަ ނުވަހާސް ހަތަރު ސަތޭކަ ނުވަދިހަ ފަހެކެވެ. ބާތިލް ވޯޓަކީ 2395 އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އެހެންކަމުން ދެވަނަ ބުރަށް ގޮސްފައިވަނީ ކުރީގެ ރައީސް ނަޝީދާއި ޔާމީނެވެ. ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ