ބޭރުން ހިމާޔަތް ހޯދާ މީހުންނަށް ވެރިކަމަށް ކުރިމަތިލާން ދަތިކުރަނީ

ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯދާ ބޭފުޅުންނަށް ރާއްޖޭގެ ވެރި ކަމަށް ކުރިމަތިލެއްވުމުގައި ޝަރުތުތަކެއް ކުރިމަތިކުރުވަން ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ގެންނަން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ނިންމައިފި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ރާއްޖެއިން ބޭރު ގައުމެއްގެ ރަށްވެހިކަން އޮންނަ މީހެއް އެ ރަށްވެރިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ވެރިކަމަށް ކުރިމަތިނުލެއްވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.
އެ އިސްލާހާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ނިހާން މިއަދު ވިދާޅުވީ، އެ އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި ބޭރުގެ ނުފޫޒުން އެއްކިބާކުރުމަށް ގާނޫނީ އޮނިގަނޑަށް ވައްދަން ޖެހޭ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. ރާއްޖެއިން ބޭރުގައި މުޅި އުމުރު ދުވަހު ހޭދަ ކުރެއްވުމަށްފަހު ކުއްލިއަކަށް ގައުމު މަތިން ހަނދާންވެ ވެރިކަމަށް ކުރިމަތިލެއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ރަށްވެހިކަން ނޫން އެހެން ރަށްވެހިކަން ގެންގުޅޭ މީހުންގެ އިތުރުން އެކި ގައުމުތަކުގެ ތަފާތު ދަފްތަރުތަކުގައި ރަޖިސްޓްރީވެ ރާއްޖޭގެ ކަންކަން ކަމު ނުގޮސް އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ މީހުންނާ ގުޅޭ ގޮތުން ވެސް މިފަދަ އިސްލާހެއް ގެނައުމުން މުހިންމު ކަމަށް ނިހާން ވިދާޅުވި އެވެ. ކޮމެޓީ މަރުހަލާގައި އެ އިސްލާހުތައް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނިހާން އިޝާރަތް ކުރެއްވީ ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތް ހޯދައްވައިގެން އުޅުއްވާ ބޭފުޅުންނަށެވެ. އެގޮތުން ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތުން ވަނީ ސިޔާސީ ހިމާޔަތް ދެއްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ޖަރުމަންވިލާތުން ހިމާޔަތް ދެއްވާފަ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދަށް ވެސް އިނގިރޭސިވިލާތުން ވަނީ ސިޔާސީ ހިމާޔަތްދީފަ އެވެ.
ނިހާން ވަނީ މިއަދު ބަހުސް ކުރައްވަމުން ރައީސް ނަޝީދުގެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ކުރިން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު ކުއްލިއަކަށް ރާއްޖެ ވަޑައިގެން ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ގައުމަށް ޖެއްސި ހާލު ކައިރި މުސްތަގުބަލެއްގައި ފެނިފައިވާ ކަމަށެވެ.
ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ވިދާޅުވީ، ގައުމަކުން ހިމާޔަތް ހޯދައިގެން އުޅޭ މީހަކު ވެރިކަމަށް ކުރިމަތިލާން ބޭނުންވާނަމަ އެކަން ކުރެވޭނެ ވަކި މުއްދަތުތަކެއް ކަނޑައެޅުން މުހިންމު ކަމަށެވެ. އެ އިސްލާހު ކޮމެޓީ މަރުހަލާގައި ގެނައުމަށް އޭނާ ވެސް ތާއިދު ކުރެއްވި އެވެ. އެކަމަކީ ބޭރުގެ އެހެން ގައުމުތަކުން ވެސް އަމަލުކުރަމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ