ޕެނަލް ބޯޑު ގޮވާ ރަތަފަންދޫއިން ކަރަންޓު ކެނޑިއްޖެ

ގދ. ރަތަފަންދޫ އިންޖީނުގޭގެ ޕެނަލް ބޯޑު ގޮވާ މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
ވީއެފްޕީއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވީ ޕެނަލް ބޯޑު ބަޑިގޮވާ ރަށުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.
"ވަރަށް ބާރު އަޑެއްއިވިފަ ކަރަންޓު ކެނޑުނީ. މީޓަރު ބޯޑު ބަލާލިއިރު ބްރޭކަރުތައް ގޮވާފަ ހުރީ." ހުނައިފް ވިދާޅުވިއެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަތަފަންދޫ އިންޖީނުގެ ފެނަކައިން ހިންގަމުން އަންނައިރު ޕެނަލް ބޯޑު ގޮވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ނުލިބޭކަމަށް ހުނައިފް ވިދާޅުވިއެވެ.
ވަގުތީގޮތުން ރަތަފަންދޫގެ ބައެއް ސަރަހައްދުތަކަށް މިހާރު ފެނަކައިން ދަނީ ކަރަންޓު ފޯރުކޮށްދެއްވަމުންނެވެ.
"އަޅުގަނޑުމެންގެ ގެއަށް ކަރަންޓު ލިބިފަ ހުރީ. އެކަމަކު މިގޭ ކައިރީ ބައެއް ގޭގެއަށް ނުލިބޭ އަދި. ކަރަންޓު ކުއްލިއަކަށް ދިޔައިމަ މިތާކައިރި ގެއެއްގެ ޓީވީއަށް ކަރަންޓު ވެސް ނުލިބޭ. ހަލާކުވެފައިކަމަށް ބެލެވެނީ." ހުނައިފް ވިދާޅުވިއެވެ.
ކަރަންޓުގެ މައްސަލަ ދޭތެރެ ދޭތެރެއިން ކުރިމަތިވާ ރަތަފަންދޫއަށް ދެތިން މަސް ކުރިން ވަނީ މުޅިން އާޕެނަލް ބޯޑެއް ގެނެސްފައެވެ. އެހެންނަމަވެސް ޖާގަނެތް ކަމަށް ބުނެ އެޕެނަލް ބޯޑު އަދި އަރުނުކުރާކަމަށް ހުނައިފް ވިދާޅުވިއެވެ.
"ފުދޭވަރަކަށް ބޮޑު ޕެނަލް ބޯޑެއް ރަށަށް ގެނެސްފަ އިންނަތާ މިހާރު ވަރަށް ދުވަސްވެއްޖެ. އެކަމަކު ޖާގަ ނެތޯ ކިޔާފަ އެ ހަރެއް ނުކުރޭ." ހުނައިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ