ނޮވެމްބަރު 3 ގެ ހަގީގަތް ރައީސް މައުމޫން ހާމަ ކުރަން ޖެހޭ: ޓޮމް

ނޮވެމްބަރު 3، 1988 ވަނަ ދުވަހު ޕްލޮޓު ޖަމާއަތުން ރާއްޖެއަށް ދިން ހަމަލާގައި ސުވާލު އުފެދޭ ކަންކަން އެބަ ހުރި ކަމަށާއި އެކަމުގެ ހަގީގަތް ހާމަކޮށް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ގޮވާލާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ
ގިނަ ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ ޕޯޑިއަމްއެއްގައި މިރޭ ވާހަކަދައްކަވަމުން ޓޮމް ވަނީ ރާއްޖޭގެ ތާރީހުގައި މިނިވަންކަން ގެއްލުވާލުމަށް ރޭވި ރޭވުންތަކާއި ވެރިކަމަށް ބަޣާވާތް ގެނައުމަށް އެކި ފަރާތްތަކުން ކުރަމުން އައި ކަންކަމަށް އަލިއަޅުވާލައިފަ އެވެ. އެގޮތުން ނޮވެމްބަރު 3 އެއްގެ ހާދިސާއަށް އިޝާރާތް ކުރައްވާ ޓޮމް ވިދާޅުވީ އެ ހާދިސާއާ ބެހޭ ގޮތުން 1993 ގައި ރައީސް އޮފީހުން ނެރުނު ފޮތާއި އެ ހާދިސާއާ ބެހޭ ގޮތުން 2016 ވަނަ އަހަރު އެމްއެންޑީއެފް އިން ނެރުނު ފޮތް ކީއިރު ސުވާލު އުފެދޭ ކަމެއް އޮތް ކަމަށެވެ.
ޓޮމް ވިދާޅުވީ ނޮވެމްބަރު 3 ގެ ކުރިން ޕްލޮޓް ޖަމާއަތުގެ ވެރިޔާ އުމާމް މަހޭޝްވަރަމް އާއި ރައީސް އޭރުގެ ފޮރިން ސެކެޓަރީ އިބްރާހިމް ހުސެން ޒަކީ ސްރީލަންކާގެ ހޮޓަލެއްގައި ބައްދަލުވި ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ހާދިސާގެ ކުރިން އެ ބޭފުޅުން ބައްދަލު ކުރެއްވީ ކީއްވެ ކަމާއި އެ ހާދިސާއަށް ފަހު ލަންކާ ހައި ކޮމިޝަންގެ ކުރިމަތީ އުމާމް މަހޭޝްވަރަމް މަރާލާފައި އޮތް އޮތުމުގެ ފަހަތުގައިވާ ސިއްރު ހާމަ ކުރަން ޖެހޭ ކަމަށް ޓޮމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ހަގީގަތް އެނގޭ ހަމައެކަނި ބަޔަކަށް މިހާރު ދުނިޔޭގައި ތިބީ ހުސެން ޒަކީ އާއި ކުރީގެ ރައީސް މައުމޫން ކަމަށެވެ.
"ނޮވެމްބަރު 3 1988ގެ ކުރިން 19 ދިވެހިން ޝަހީދު ކުރުމުގެ ހާދިސާގެ ކުރިން އިބްރާހިމް ޒަކީ އާއި އުމާމް މަހޭޝްވަރަމް އާ ލަންކާގެ ހޮޓަލަކުން ދިމާވި ވާހަކަ ބުނި، އެކަމަކު ތިމަންނައަކަށް ދެން ނެތޭ އިތުރަށް ދައްކާނެ ވާހަކައެއް، އަޅުގަނޑު ގޮވާލަން ހުސެން ޒަކީއަށް ވެސް ރައީސް މައުމޫންއަށް ވެސް ނުވެމްބަރު 3 އެއްގެ ހަގީގަތް ހާމަކޮށްދޭން، ނުވެމްބަރު 3 ގައި ސާފުވެފައި އޮތީ ހަމައެކަނި ފޮތްތަކުގައި ލިޔެފައި ހުރި ވާހަކަތައް އެކަންޏެއް ނުން. އެ ދެ މީހުން ލަންކާގެ ހޮޓަލެއްގައި ދިމާވީ ކީއްވެތޯ އާއި ނުވެމްބަރު 3 ގެ ހާދިސާގެ ފަހުން ލަންކާގެ ހައި ކޮމިޝަން ކައިރީ އުމާމް މަހޭޝްވަރަމް މަރާލާފައި އޮތީ ކީއްވެކަން އަޅުގަނޑުމެންނަށް އެނގެން ޖެހޭ،" ޓޮމް ވިދާޅުވި އެވެ.
ޓޮމް އިތުރަށް ވިދާޅުވީ އެ ހާދިސާއިން ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިޔާ އިން ކަމަށް އެކި ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އިންޑިއާ ސިފައިންގެ ފުރަތަމަ ފްލައިޓް ވެސް ހުޅުލޭ އެއާޕޯޓްގައި ޖެއްސި އިރު ދިވެހި ސިފައިން ވަނީ އޮޕަރޭޝަންގެ ބޮޑު ބައި ނިންމާލާފައި ކަމަށެވެ. އަދި އެކަމުގެ މުހިންމު ރޯލެއް އަދާ ކުރީ ޝަހީދު ހުސެން އާދަމް ކަމަށާއި އެހެންކަމުން ރާއްޖެ ސަލާމަތް ކުރީ ދިވެހި ސިފައިން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ