އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު މެލޭޝިޔާ އިން ބުކްކޮށްފައިވާ ވިލާތަކުގެ އެއްބަޔަށް ފައިސާ ދައްކާފައި ވަނީ ވިލާ ކުންފުނިން ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފި އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ދެ ފަނޑިޔާރުންގެ ދައުވާ ވަކިވަކީން އިއްވާފަ އެވެ. އެގޮތުން ދައުލަތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެން އޭނާ ދިރިއުޅޭ ގެ ނިޝާން ޕްލާޒާގެ ތިިން ވަނަ ފަންގެފިލާ ފުލުހުން ފާސްކުރުމުގެ ތެރޭގައި ކަޅުކުލައިގެ ބެކްޕެކަކުން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގ ޕްރައިވޭޓް ލިމިޓެޑުގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމު ސޮއިކޮށް، 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެ ސިޓީގައި އުއްތަމަ ފަނޑިޔާރާ، ފަނޑިޔާރު އަލީ ހަމީދުގެ ދަރިއަކަށާއި އިތުރު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އަލީ ހަމީދު މެލޭޝިއާ އިން ބުކްކޮށްފައިވާ ވިލާ ތަކުގެ އެއްބަޔަށް ވިލާ ކުންފުނިން ފައިސާ ދައްކާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އަލީ ހަމީދާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުން ގުޅިގެން ނެރުނު އެކެއް ފެބުރުވަރީގެ އަމުރުގައި ވިލާ ޝިޕިންގެ ވެރިފަރާތް ކަމަށްވާ ގާސިމު އިބްރާހިމް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ސިޓީގައި ބަޔާންކޮށްފައިވާ ފައިސާ އަކީ އަމުރު ނެރުމަށް ދީފައިވާ ފައިސާ ކަން ހާމަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާއަށް އެދެބޭފުޅުން ވަނީ، އިންކާރު ކުރައްވާފަ އެވެ. އަދި ދައުވާއަށް ޖަވާބުދާރީވެ ވަޑައިގެންނެވޭނީ ގާނޫނީ ވަކީލުންނާ އެކުގައި ބޭއްވޭ ޝަރީއަތެއްގެ މަޖިލީހެއްގައި ކަމުގައި ވިދާޅުވެފަ އެވެ. އެހެންވެ މައްސަލަ ބައްލަވާ އިސްގާޒީ ހައިލަމު ވަނީ، ދެ ފަނޑިޔާރުންނަށް ވަކީލަކު ހަމަޖެއްސުމަށް ފަސްދުވަހުގެ ފުރުސަތުދެއްވާ އަންނަ އާދިއްތަ ދުވަހުގެ 12:00 ކުރިން އެކަން ކޯޓަށް އެންގެވުމަށް އަންގަވާ، މިއަދުގެ އިބްތިދާއީ އަޑުއެހުން ނިންމާލައްވާފަ އެވެ.
ފުލެޓަށް ފައިސާ ދެއްކީ ވިލާ ކުންފުނިން: ދައުލަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ