ޖުމުހޫރީޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްތަކުގައި އެކަމާ ދެކޮޅަށް މިއަދު މުޒާހަރާކޮށްފި އެވެ.
އެގޮތުން މިއަދު ގާސިމް މިނިވަންކުރުމަށް ގޮވާލާ މުޒާހަރާކުރި ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ބ. ތުޅާދޫއާއ،ި، ޅ. ނައިފަރާއި، ގއ. ހޯޑެއްދޫއާއި، ފުވައްމުލަކު ސިޓީގެ އިތުރުން އދ. މާމިގިލީ ހިމެނެ އެވެ.
މިމުޒާހަރާތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީ ތަކަށް ނިސްބަތްވާ މިރަށްތަކުގެ ގިނަ ރައްޔިތުން ބައިވެރިވެފައިވެ އެވެ.
މިމުޒާހަރާގައި ގާސިމް މިނިވަން ކުރުމަށާއި ގާސިމްގެ މައްޗަށް އަސްލެއް ނެތް ތުހުމަތުކޮށް ދައުވާކުރަން މަސައްކަތް ނުކުރުމަށްވެސް ރައްޔިތުން ގޮވާލާފައިވެ އެވެ.
މީގެއިތުރުން ގައުމު އިސްލާހުކުރުމަށް އިދިކޮޅު ލީޑަރުން ފަށާފައިވާ މަސައްކަތަށް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ހުރަސް ނޭޅުމަށްވެސް ރައްޔިތުން ގޮވާލާފައިވެ އެވެ.
ގާސިމް އިބްރާހީމް ނިސްބަތްވެ ވަޑައިގަންނަވާ އދ. މާމިގިލީގައި ކުރިއަށްދިޔަ މުޒާހަރާގައި ވާހަކަދައްކަވަމުން މާމިގިލީ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ މުފީދު ވިދާޅުވީ މާމިގިލީ ދާއިރާ ރައްޔިތުން ފަށާފައިވާ މި އިހުތިޖާޖު ހުއްޓާލާނީ ގާސިމް މިނިވަންކުރުމުން ކަމަށެވެ.
މުފީދު ވިދާޅުވީ ގާސިމް ހައްޔަރުކުރުމަކީ މި ސަރުކާރު ނިމުން ގާތްވެއްޖެ ކަމުގެ ނިޝާނެއް ކަމަށާއި، އަދި މިހާރު ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ވަނީ، އެމަނިކުފާނު އުފެއްދެވި ޕާޓީ ޕީއޭގެ މަދު މެންބަރުންކޮޅެއް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މި މުޒާހަރާގައި ވާހަކަދެއްކި ބައެއް ރައްޔިތުން ވަނީ ދިވެހި ރައްޔިތުން މިއަދު ތިބީ އިދިކޮޅު ލީޑަރުންނާއިި އެކު ކަމަށާއި، ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން ރައީސް ޔާމީނަށް ވެރިކަން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި ދިވެހި ރައްޔިތުން އަސާސީ ހިދުމަތްތައްތަކުން މަހުރޫމްކޮށް ރައްޔިތުން ބިކަކޮށްގެން ވެރިކަން ނުކުރެވޭނެ ކަމަށް ބުނެ ވެސް ރައްޔިތުން އަޑުއުފުލާފައިވެ އެވެ.
މިއަދުގެ މުޒާހަރާގައި ރައްޔިތުން ވަނީ އަނިޔާވެރިކަން ހުއްޓާލާ ނުހައްގުން އަނިޔާދެމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްއާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބްދުﷲގެ އިތުރަށް އެހެނިހެން ސިޔާސީ ހައްޔަރީންވެސް މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާފަ އެވެ.
ގާސިމް މިނިވަންކުރުމަށް ގޮވާލައި ބައެއް ރަށްތަކުގައި މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ