މާމިގިލީ އެއާޕޯޓް ބައިނަލްއަގުވާމީ ކޮށްފި ނަމަ ފައިދާގެ 15 ޕަސެންޓް ސަރުކާރަށް ދޭނަން: ގާސިމް

މާމިގިލީ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމުގެ ހުއްދަ ދީފި ނަމަ އެ އެއާޕޯޓުން ލިބޭ ފައިދާގެ 15 ޕަސެންޓް ސަރުކާރަށް ދޭނެ ކަމަށާއި އެގޮތަށް ސަރުކާރަށް ހުށަހެޅި ކަމަށް ވެސް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ އެގޮތަށް ހުށަހެޅުއްވީ މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބޭއްވި ސަރުކާރުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ކުލީގެ މުއްދަތު އިތުރުކޮށް ދިނުމުގެ ގޮތުން ސަރުކާރަށް ކޮށްދެވޭނީ ކޮންކޮން ކަންތައްތަކެއްތޯ ބައެއް ބޭފުޅުން ސުވާލުކުރެއްވި ކަމަށާއި ބޭނުންވާ ކަންކަން ޕްރޮޕޯސަލެއްގެ ގޮތުގައި ހުށަހަޅަން ފުރުސަތު ދެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ.
އެ ޕްރޮޕޯސަލް މި މަހު ހުށަހަޅުއްވާނެ ކަމަށާއި އޭގައި އެއާޕޯޓް ބައިނަލްއަގުވާމީ ކޮށްދިނުމާއި އެހެން އިތުރުން ކަންކަން ވެސް ހިމަނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މާމިގިލީ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދަން ގާސިމް ހުށަހެޅުއްވި އިރު ޖީއެމްއާރާއި ސަރުކާރާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރަށް ހެދޭނީ ހަނިމާދޫ އާއި ގަން އެއާޕޯޓް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ