ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓުންގެ ތަރުތީބު: ގާސިމް 1، ވަހީދު 2، ޔާމީން 3 އަދި ނަޝީދު 4

ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ގުރުއަތުން މިއަދު ތަރުތީބުކޮށްފި އެވެ.އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން ކެންޑިޑޭޓް ނަމްބަރު އެކަކަށް ހޮވިވަޑައިގެންނެވީ ޖުމްހޫރީ ކޯލިޝަންގެ ގާސިމް އިބްރާހީމް އެވެ. ދެހާސް އަށެއްގެ ރިޔާސީ އިންތިހާބުގައި ވެސް އޭނާ އަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ.ކެންޑިޑޭޓް ނަމްބަރު ދޭއް އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސް މުހައްމަދު ވަހީދަށް ލިބިވަޑައިގެންނެވިއިރު، ތިނެއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަށެވެ.އެމްޑީޕީން ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ ހަތަރެކެވެ.ދެހާސް އަށެއްގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ނަޝީދަށް ލިބިވަޑައިގަތީ ހަތަރު ވަނަ ނަމްބަރެވެ.އިންތިހާބުގައި ވާދަކުރައްވާ ޔާމީން އާއި ގާސިމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި، ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސަށް ފޯމް ހުށަހެޅުއްވި ތަރުތީބުންނެވެ.ރައީސް ވަހީދުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިލެކްޝަންސް އެޖެންޓް އަހުމަދު ތައުފީގް ނަމްބަރު ކަރުދާސްކޮޅު ނެންގެވިއިރު ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އެމަނިކުފާނުގެ އިލެކްޝަންސް އެޖެންޓް ހަސަން ލަތީފް އެވެ.އެ ރަސްމިއްޔާތަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް "ހަވީރަ"ށް ވިދާޅުވީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރީ ކެންޑިޑޭޓުންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލި ފަސް ދުވަހުގެ މުއްދަތުގައި އެއްވެސް ކެންޑިޑޭޓަކާ ގުޅޭ ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ ކަމަށެވެ. އިލެކްޝަނުން ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް ހުރިހާ ކަމެއް ވެސް އެ ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ރިޔާސީ ކެންޑިޑޭޓުންގެ ބައެއް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ކޯޓުން ގޮތެއް ނިންމައިފި ނަމަ އެގޮތަކަށް އަމަލުކުރައްވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ