ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވަނީ ތައްޔާރުކޮށްފައި: ސަމީރު

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ތައްޔާރުކޮށްފައިވާ ކަމަށާއި އެ އިސްލާހުތައް ހުށަހަޅައިގެން ނަމަވެސް ސުޕްރީމް ކޯޓުގެ ކަންކަން އިސްލާހުކުރައްވާނެ ކަމަށް ދިއްދޫ މެމްބަރު އަހުމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް އިސްލާހު ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރުހުން ވެސް ލިބިފައިވާ ކަމަށާއި ބެންޗު ބަދަލުކުރަން ގިނަ ގާނޫނުތަކެއް އިސްލާހު ވެސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ އިތުރުން ގާނޫނު އަސާސީ އަށް ވެސް ބަދަލުގެންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމެއް ނޫން. އެތަނުން ކުރާ ހުކުމްތަކަކީ އަދުލުވެރިކަމާ އެކު ރައްޔިތުންނަށް ބަލައިގަނެވޭ އިންސާފުވެރި ގޮތަކަށް ނިންމާ ނިންމުންތަކަކަށް ވުން. އިސްލާހު ހުށަހެޅުމަށް އަޅުގަނޑުމެން ތައްޔާރުކޮށްފައި އޮތް ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވިސްނިވަޑައިގެން ކަންކަން ރަނގަޅުކުރާ ނަމަ އަޅުގަނޑުމެން އެ އިސްލާހާ މެދު ދެވަނަ ވިސްނުމަކަށް ދާނަން،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާ އެކު އަންނަ ހަފުތާގައި ބައްދަލުވުމަކަށް އެޕޮއިންޓްމަންޓް ލިބިފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ކަންކަން ރަނގަޅު ކޮށްދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގޮވާލައި އެމްޑީޕީން އިއްޔެ މާލޭގައި ކުރި މުޒާހަރާގައި އެ ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ އެ ބެންޗުން ކުރާ ޝަރީއަތެއް ނުވަތަ ހުކުމަކީ ވެސް ސައްހަ ހުކުމަކަށް ނުވާނެ ކަމަށާއި އެ ހުކުމްތައް ރާއްޖޭގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރު އޮންނަން ޖެހޭނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ އަތް މަތީގައި ނޫން ކަމަށާއި ރައްޔިތުންގެ އަތް މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ވަނީ ތައްޔާރުވެފައި. އެ ބަދަލު ގެންނަން މަޖިލީސް ތެރެއިން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެ ބަދަލު އަޅުގަނޑުމެން ގެންނާނަން. އަޅުގަނޑުމެން މަޖިލީސް ފަހަތަކަށް ނުޖެހޭނަން،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރަކީ ގާނޫނުތަކުގައިވާ ކަންކަން ގާނޫނު އަސާސީއާ ހިލާފުތޯ ކަނޑައެޅުމެވެ. ގާނޫނުތައް އުވާލައި ބަދަލު ގެނައުމަކީ އެ ކޯޓަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ