އިއުލާން ނުކޮށް ތަކެތި ހޯދާ މައްސަލައިގައި ފިޔަވަޅު އެޅުމާ މެދު ހިޔާލު ތަފާތުވެއްޖެ

ސަރުކާރުގެ އޮފީސްތަކަށް އިއުލާން ނުކޮށް ތަކެތި ހޯދާ މައްސަލައިގައި ފިޔަވަޅު އެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހިޔާލު ތަފާތުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ މެދު ކޮމިޓީގައި މިއަދު ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ 25،000ރ. އަށް ވުރެ އަގުބޮޑު ހިދުމަތެއް ނުވަތަ މުދަލެއް ހޯދާއިރު، އިއުލާން ކުރަން ޖެހޭ ކަމަށާއި އިއުލާން ނުކޮށް ތަކެތި ހޯދުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ އިއުލާން ނުކޮށް ޚިދުމަތާއި ތަކެތި ހޯދަނީ މަކަރާއި ހީލަތް ހެދުމަށް ކަމަށެވެ. އެހެންވެ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ ފިޔަވަޅު އަޅާ ނަމަ ގިނަ ބަޔަކަށް އަދަބު ލިބިގެންދާނެ ކަމަށާއި އެހެންވުމުން، ގަވާއިދަށް އިސްލާހު ގެނެސްގެން ނަމަވެސް އިއުލާން ނުކޮށް ތަކެތި ހޯދުން ހުއްޓުވުން މުހިންމު ކަމަށެވެ.
މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ އިއުލާން ނުކޮށް ތަކެތި ހޯދުމުގެ މައްސަލައިގައި ފިޔަވަޅު ނާޅާ ނަމަ، މާލިއްޔަތު ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ގަވާއިދަށް ބަދަލު ގެނައުމަށް އޮޑިޓަ ޖެނެރަލާއި ފިނޭންސް މިނިސްޓަރު މަޝްވަރާކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ގަސްދުގައި މަކަރާއި ހީލަތް ހެދުމުގެ ގޮތުން އިއުލާން ނުކޮށް ތަކެތި ހޯދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ވިދާޅުވީ މި މައްސަލައިގައި މާލިއްޔަތު ގަވާއިދު އިސްލާހު ނުކުރާ ނަމަ، ދެން އޮންނާނެ ގޮތަކީ މައްސަލަ ޝަރީއަތަށް ފޮނުވުން ކަމަށެވެ. އެކަމަކު މިފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާ ނަމަ ގިނަ ބަޔަކަށް އަދަބު ލިބޭނެ ކަމަށާއި އެހެންވެ މުހިންމީ ގަވާއިދު އިސްލާހުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލިއްޔަތު ގަވާއިދު މިހާރު އެކުލެވިފައިވާ ގޮތުން ސަރުކާރު ހިންގުމަށް ދަތިވާ ނަމަ ގަވާއިދަށް ބަދަލު ގެނައުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ އިއުލާނު ނުކޮށް މުދަލާއި ހިދުމަތް ހޯދާފައިވާ ބައެއް މައްސަލަތަކުގައި ދައުވާކޮށްފައިވާއިރު، އެފަދަ ހުރިހާ މައްސަލައެއްގައި ދައުވާކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ގާނޫނު އަސާސީގައި ހަމަހަމަކަން ގާއިމު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އޮފީސް ހިންގުމަށް 25،000ރ. އަށް ވުރެ އަގު ބޮޑު ހިދުމަތެއް ނުވަތަ މުދަލެއް ކުއްލިއަކަށް ހޯދަން ނުޖެހޭނެ ކަމަށާއި އިއުލާން ނުކޮށް ހިދުމަތާއި ތަކެތި ހޯދަނީ މަކަރާއި ހީލަތް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެހެންވެ އެފަދަ މައްސަލަތައް އޭސީސީ އަށް ފޮނުވައި، ގާނޫނާ ހިލާފު ކަމެއް އުޅޭ ނަމަ ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ