ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ޖަލަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ ޖުމްހޫރީ މާލަމުގައި ކުރިއަށްގެންދާ ޖަލްސާގައި އީސަ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ ލީޑަރުން ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރައްވާ މަސައްކަތުގައި އެބޭފުޅުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށް އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ ހަތަރު ލީޑަރުން އެކުގައި މަސައްކަތް ފެއްޓެވީ އެބޭފުޅުންގެ އަމިއްލަ ހުރިހާ ކަމެއް ދޫކޮށްލައްވައި ގައުމުގެ މަސްލަހަތުގައި ކަމަށެވެ. އެފަދަ ހިތްވަރުގަދަ ލީޑަރުންތަކެއްގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އެބޭފުޅުން ތެދުވެވަޑައިގެން ތިއްބެވުމުން ރައްޔިތުން ފަޚުރުވެރިވާން ޖެހޭ ކަމަށް އީސަ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއިން ކޮންމެ ބޭފުޅަކަށް ކަމެއް ދިމާވިޔަސް އެބޭފުޅުންނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ އެމަނިކުފާނާއެކު ޖަލަށް ވަޑައިގަންނަވަން ވެސް ތައްޔާރު ކަމަށް ވިދާޅުވިއެވެ.
"ގާސިމް އިބްރާހީމަށް ދަންނަވާލަން. ސިޔާސީ ޕޯޑިއަމެއްގައި ވާހަކަދައްކަވައިގެން ގާސިމަށް އަދަބެއް ލިބުނިއްޔާ ނުވަތަ ޖަލުގެ ގޮޅިއަކަށް ވަންނަން ޖެހުނިއްޔާ ޖެހިގެން ހުރި ގޮޅީގައި އެމަނިކުފާނާއެކު އަޅުގަނޑު އިންނާނަން" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ ވިދާޅުވިއެވެ.
އީސަ ވަނީ ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުން އިންތިޚާބުވާ މެމްބަރުން ހައިސިއްޔަތު ބަދަލުކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އީސަ ވިދާޅުވީ ރައީސް ޔާމީން އެންމެ ފުރަތަމަ ހުންނެވީ ޑީއާރުޕީގައި ކަމަށާއި އޭގެ ފަހުން ޕީއޭއަށް ބަދަލުވެވަޑައިގެން ފަހުން އަނެއްކާވެސް ޑީއާރުޕީއަށް ބަދަލުވެވަޑައިގެންފައިވާ ކަމަށެވެ. އޭގެ ފަހުން ޕީޕީއެމްއަށް އަދި މިއަދު އަނެއްކާވެސް އެމަނިކުފާނު ހުންނެވީ ޕީއޭގައި ކަމަށް އީސަ ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ޕީޕީއެމް އޮތީ އެބޭފުޅުންނާއި ގައުމާއެކު ކަމަށެވެ. އަދި ރައީސް ވިދާޅުވި ފަދައިން އިސްތިއުފާ ދެއްވައި ޕީއޭގެ ޓިކެޓުގައި ވާދަކުރައްވައިގެން ކާމިޔާބުކުރެއްވޭތޯ ބެއްލެވުމަށް ގޮވާލެއްވިއެވެ. އީސަ ވިދާޅުވީ ރަށެއްގެ ކައުންސިލަށް މިހާރު ރައީސް ޔާމީން ވާދަކުރެއްވިޔަސް ފެއިލްކޮށްލާނެ ކަމަށެވެ.
އީސަ ވިދާޅުވީ ގައުމާއި ރައްޔިތުންނާއި ދައުލަތުގެ ދިފާއުގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅެއްގެ ސިޔާސީ ހަޔާތް ދެމެހެއްޓުމަށް އެބޭފުޅުންނަށް ކޮށްދެވެން އޮތް ކޮންމެ ކަމެއްވެސް ކޮށްދެއްވާނެ ކަމަށާއި މަޖިލީހުގެ މެމްބަރުން އެބޭފުޅުންނާ ގުޅުމަށް ގޮވާލުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ބިރުދެއްކުން ނޫން ކަމެއް މިއަދު ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެ ގައުމަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅުންނާ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ގުޅިވަޑައިގަތުމަށް ގޮވާލެއްވިއެވެ.
"ދާއިރާގެ ތަރައްގީ ބޭނުމިއްޔާ ސަރުކާރާ ގުޅޭށޭ ބުނުމަކީ ބިރުދެއްކުން. ޕާޓީއާ ނުގުޅުނިއްޔާ ވަޒީފާ ނުލިބޭނެއޭ ބުނުމަކީ ބިރުދެއްކުން. ރައްޔިތުންނަށް އިންތިހާއަށް ސަރުކާރުން ދަނީ ބިރުދައްކަމުން" އަހުމަދު އީސަ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާ ކޮންމެ މީހަކަށް އެކި ތުހުމަތުތައްކޮށް ޖަލަށްލުން ނޫން ކަމެއް މިއަދު ސަރުކާރުން ނުކުރާ ކަމަށެވެ. ރައްޔިތުންގެ ތަރައްގީއަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި ދިވެހި ދައުލަތް ދުވަހަކު ނުދެކޭހާ ބޮޑު ކޮރަޕްޝަނުގެ އަމަލެއް މިސަރުކާރުގައި ހިނގާ އެކަމަށް ރައްޔިތުން ކުރިމަތީ އިއުތިރާފުވުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އީސަ ވިދާޅުވީ އައިޖީއެމްއެޗުގައި 25 ބުރީގެ އިމާރާތެއް ހެދިނަމަވެސް ރަށްފުށުގެ ރައްޔިތުން ތިބީ އެކަށީގެންވާ ސިއްހީ ޚިދުމަތުން މަހުރޫމްވެފައި ކަަމަށެވެ. އަދި މިއަދު ގައުމުގައި ހިނގާ ކަންކަމުގެ ޒިންމާ ނަގަންޖެހޭ ދުވަސް އަންނާނެ ކަަމަށާއި އެހެންކަމުން އެކަންކަމުގައި ބައިވެރިވާ ބޭފުޅުން ވިސްނަންޖެހޭ ކަމަށްވެސް އީސަ ވިދާޅުވިއެވެ.
ގާސިމް އިބްރާހީމާއެކު ޖަލަށްދާން ތައްޔާރު: އީސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ