2018 އަށް މަޑުކޮށްފި ނަމަ އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: ނަޝީދު
މިއަދުގެ ސިޔާސީ އެއް ވިސްނުމަކީ، ގާނޫނުގައިވާ ގޮތުގެ މަތިން ރިޔާސީ އިންތިހާބު 2018 އަށް މަޑުކޮށްފި ނަމަ އިންސާފުވެރި އިންތިޚާބެއް ދިވެހިންނަށް ނުލިބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. ގާނޫނު އަސާސީގެ ދިފާއު ކުރުމުގެ ނަމުގައި އެމްޑީޕީ/ޖޭޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ "ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަށް މާ ބޮޑަށް ދެކެވެން ފަށައިފި" ކަމަށެވެ. އަދި ވެރިކަން ބަދަލު ނުކޮށް ނުތިބެވޭނެ ކަމަށް ވެސް ގިނަ ބަޔަކު މިހާރު ބުނަމުންދާ ކަމަށާއި ޑިމޮކްރެސީގައި ދިވެހިން ފަށާފައިވާ ދަތުރު ގެއްލިދާނެ ކަމުގެ ބިރު ބޮޑު ކަމަށް އެމަނިކުފާނު ވިދާުޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ކޯނީގެ ރިޕޯޓަކީ ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތުގެ ސައްހަކަން ކަނޑައެޅި ރިޕޯޓެކެވެ. އެމަނިކުފާނު ވިދާޅުވީ ކޯނީގެ ރިޕޯޓަށް ބަލާއިރު ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ސައްހަކަން މިހާރު ގެއްލިފައިވާ ކަމަށާއި މި ހާލަތުގައި ސަރުކާރަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. "ގިނަ ރައްޔިތުންގެ ރުހުމާ ނުލައި އެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރެވޭނީ ހަމައެކަނި ހުދުމުހުތާރު ވެރިކަމުގެ ނިޒާމެއްގައި. އަޅުގަނޑުމެން މިތިބީ ރައީސް ޔާމީނަށް އެ ފުރުސަތު ދިނުމަށް ތައްޔާރަކަށް ނޫން. އަޅުގަނޑުމެން ތެދުވާނަން. އަޅުގަނޑުމެން މި ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ އަނެއްކާވެސް ހެޔޮ ވެރިކަމެއް ހޯދައިދޭނަން،" ވަރަށް ގިނަ ބަޔަކު ދިޔަ މި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގެ ސައްހަކަން ގެއްލޭ އެންމެ ބޮޑު ސަބަބަކީ، އިއްތިހާދެއްގެ ތެރެއިން ވެރިކަން ހިފަހައްޓާނެ ހަމަތަކެއް ގާނޫނު އަސާސީގައި ނެތުމެވެ. އެގޮތުން ކެބިނެޓުގެ އިތުރުން ސިޔާސީ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. "ވެރިކަން އުފެއްދުމަށް އެކުލަވައިލި އިއްތިހާދުގެ އެއްބަސްވުމުގެ އަގަކީ ހަމައެކަނި ސޮއިކުރެވުނު އޭފޯ ކަރުދާހުގެ އަގު. އެއްބަސްވުމާއި ހިލާފުވުން ހުއްޓުވުން އެއީ ގާނޫނުއަސާސީ އަށް ބީރައްޓެހި ކަމެއް. ފެހި ގާނޫނުއަސާސީގެ ދަށުން ދެން ވެސް ސަރުކާރެއް އެކުލަވާލައިފި ނަމަ އެ ސަރުކާރެއްގެ ސައްހަކަން އިސާހިތަކު ގެއްލިދާނެ. މި ނަތީޖާ ނެރުމަކީ މި އަސާސީގެ ތަބީއަތުގައި ހިމެނިފައިވާ ކަމެއް. ސައްހަ ކަމެއް ނެތް ވެރިކަމަކުން ރައްޔިތުންނަށް ވާނީ ގެއްލުން. ދިވެހިންނަށް ލިބޭނީ ދެރަ. ދިވެހިރާއްޖެ ދާނީ ބިކަވަމުން،" ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ "އަމާޒުން ކައްސާލި" އެންމެ ބޮޑު ސަބަބަކީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެން ވޯޓު "އޮޅުވާލާފައި" ވާތީ ކަމަށެވެ. އަދި އެ ވޯޓުގެ ހިސާބުތަކުން އެކަން އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ރައްޔިތުން އެދުނީ ބަރުލަމާނީ ނިޒާމަކަށް. މާ ބާރުގަދަ ރައީސެއް ނުހުންނަ ނިޒާމެއް. މަޖިލީހުގައި ޕާޓީތަކުގެ އިއްތިހާދުން ވެރިކަން ހިންގަމުން ގެންދެވޭނޭ ނިޒާމަކަށް. މި ގާނޫނު އަސާސީގެ ދަށުން ނެގިފައިވާ ހުރިހާ ވޯޓެއްގެ ނަތީޖާ ވެސް ދައްކަމުން އެ ގެންދަނީ އެ މަންޒަރު. ދިވެހިން އެދެނީ ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެދޭ ސާފު މަންޒަރު،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ނުކުމެ ތިބީ "އުންމީދުގެ ދިފާއުގައި" ކަމަށާއި އެއީ ހެޔޮ ވެރިކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ "[ގާސިމް] ވީ ހާލުކޮޅެއްގައި ވާން އަޅުގަނޑު މިހުރީ ތައްޔާރަށް" ކަމަށާއި ގާސިމާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ