މިއަހަރުގެ ފުރަތަމަ ހަ މަހު ހައި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހައި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.
ހައި ކޯޓުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ކޯޓުން 206 މައްސަލަ ނިންމި ނަމަވެސް މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ވަނީ 211 މައްސަލައެއް ނިންމައިފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު އެންމެ ގިނައިން ނިންމާފައި ވަނީ މަދަނީ މައްސަލަތަކެވެ. އެގޮތުން 96 މަދަނީ މައްސަލަ އާއި 43 ޖިނާއީ މައްސަލައެއްގެ އިތުރުން އާއިލީ 10 މައްސަލައެއް އަދި ވަޒީފާއާ ބެހޭ 16 މައްސަލައެއް ނިންމާފައިވެ އެވެ. މީގެ އިތުރުން ދުސްތޫރީ ހަތަރު މައްސަލައަކާއި އިންތިޚާބީ ޝަކުވާގެ 15 މައްސަލައެއް ވެސް އެ ކޯޓުން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަހު ނިންމައިފަ އެވެ.
ފުރަތަމަ ހަ މަހު ނިންމި މައްސަލަތަކުގެ އަދަދު އިތުރުވި ނަމަވެސް އެ މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ ވުރެ ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 219 މައްސަލައެއް ހުށަހެޅުނު ނަމަވެސް މިއަހަރު އެ މުއްދަތުގައި ހުށަހެޅީ 192 މައްސަލައެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ހައި ކޯޓުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނައިން މައްސަލަ ނިންމާފައި ވަނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު 560 މައްސަލައެއް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ސަސްޕެންޝަންގައި ހުންނެވުމުން މިހާރު އެ ކޯޓުގައި މަސައްކަތް ކުރައްވަނީ އަށް ފަނޑިޔާރުންނެވެ. އެ ކޯޓު މިހާރު ހިންގަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ