އިންސާފުވެރި އިންތިހާބަކަށްވެއްޖެނަމަ ނަތީޖާ ގަބޫލުކުރާނަން - އުމަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު އެ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށްވެއްޖެނަމަ ނަތީޖާ ގަބޫލުކުރާނެ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކަލާފާނުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް ވޯޓުލެއްވުމަށް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ މިހާތަނަށް ވޯޓުލުން ކުރިއަށްދިޔަ ގޮތަށް ބަލާއިރު މިއީ އިންސާފުވެރި އިންތިހާބެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އޭނާގެ ބައެއް ސަޕޯޓަރުންނަށް ވޯޓުލުމުގައި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ވޯޓުލާން އޭނާގެ ސަޕޯޓަރުން ދާއިރު ވޯޓުލާފައިވާ ކަމުގެ ޝަކުވާ އާއި ބައެއް މީހުން ވޯޓުލާން ދާއިރުގައި ލިސްޓުގައި ނަން ނެތުން ހިމެނޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލާނެ ކަމަށް އުމަރު ވިދާޅުވި، އެވެ.
"އިންސާފުވެރި އިންތިހާބެއް ވެއްޖެއްޔާ ނަތީޖާ އަބަދުވެސް ގަބޫލުކުރާނަން. މިހާތަނަށް އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކުރަމުން މިދަނީ." އުމަރު ވިދާޅުވި އެވެ.
މި އިންތިހާބުގައި ހަމަނުޖެހުން ހިންގަނީ އުމަރުގެ ޓީމުގެ ސަޕޯޓަރުން ކަމަށް ޔަގީން ޓީމުން ބުނާތީ އެކަމާއި ބެހޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އުމަރު ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ މިއީ ވަރަށް ވާދަވެރިކޮށް ދާ އިންތިހާބެއް ކަމަށެވެ. އުމަރު ވިދާޅުވީ މިފަދަ ވާދަވެރި އިންތިހާބެއްގައި އެފަދަ ކަންކަން ފެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބަރުންނާއި ހަމައަށް މި ވޯޓު ގެނެސްދިނީ އޭނާ ކަމަށާއި އެހެންކަމުން މިހާ ވާދަވެރިކޮށް އިންތިހާބުކުރާ ކުރިއަށްދާތީ އުފާކުރާ ކަމަށެވެ.
އުމަރު ވިދާޅުވީ މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތުގައި ބަލިވާ ކެންޑިޑޭޓަކު ހުންނާނެ ކަމަށް ދެ ކެންޑިޑޭޓުން ވެސް އޮންނާނީ އެއްބަސްވެފައިވާ ކަމަށާއި އެއަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ