ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަކުރައްވަން ހުންނެވި ބޭފުޅާ އަތުގައި މިފަހަރު "ކާލާ މަންނަ" ނޯންނާނެ ކަމަށް، އުމަރު ނަސީރު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ހޯއްދަވަން މ. މާފަންނުވިލާގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެގޮތަށް ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތްކުރައްވާ ކަމަށް ބެލެވެ އެވެ.
ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެތޯ ސުވާލުކުރުމުން އުމަރު ވިދާޅުވީ ގާސިމްގެ ކޮމިޓްމެންޓް އަދި ނުދެއްވާ ކަމަށެވެ.
"ގާސިމް ވިދާޅުވި އެކަމާ މެދު ވިސްނަވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމަކީ ރާއްޖޭގައި ބޭއްވި ރިޔާސީ ކޮންމެ އިންތިހާބެއްގައި ވެސް "ކިންގް މޭކާ" ކަމަށެވެ. އެހެންވެ އޭނާ އުއްމީދުކުރައްވަނީ ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް، ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދު ލިބިވަޑައިގެންފާނެތޯ "މިހާރު" އިން ސުވާލުކުރުމުން އުމަރު ވިދާޅުވީ އެކަމާ މެދު އެއްޗެއް ވިދާޅުވާން އަދި ބޭނުން ނޫން ކަމަށެވެ.
އެކަމަކު "އަޅުގަނޑާ ވާދަކުރައްވަން ހުންނެވި ބޭފުޅާގެ އަތުގައި މިފަހަރު ކާލާ މަންނައެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.
އެންމެ ފަހުން އޮތް ޕީޕީއެމްގެ ޕްރައިމަރީގެ ވާދަވެރިކަން އޮތީ ރައީސް ޔާމީނާއި އުމަރާ މެދުގަ އެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު އަނެއްކާ ތިބީ 2018 ގެ އިންތިހާބުގެ ޓިކެޓް ހޯއްދަވަން އެ ދެ ބޭފުޅުން ވާދަކުރައްވާނެ ޕްރައިމަރީއެއް ކުރިއަށް ދާނެ ގޮތަށް ބަލަބަލަ އެވެ.
ރައީސް ޔާމީންގެ ކޮންޓްރޯލް އޮތް ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެމްބަރުން ބޭނުންވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭށެވެ. އެކަމަކު މައުމޫން އެކަމާ ދެކޮޅެވެ. އެހެންވެ ޕީޕީއެމް މިހާރު ވަނީ ދެ ބައި ވެފަ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވާ މި ދަނޑިވަޅު އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ގާސިމާ ބައްދަލުކުރައްވައިފަ އެވެ. އެހެން ނަމަވެސް އެ ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުދެެ އެވެ.
އުމަރަކީ، ޕީޕީއެމްގައި ރައީސް މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ވާދަކުރަން ހުންނެވި ބޭފުޅާ އަތުގައި "ކާލާ މަންނައެއް" ނޯންނާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ