ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތުގެ ކުލީގެ މައްސަލާގައި 1.4 މިލިއަން ރުފިޔާ ހޯދަން އެ އިމާރާތުގެ ވެރިފަރާތުން އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ޔޫއޭއީ އެމްބަސީއާ ދެކޮޅަށް މީހަކު ދައުވާކުރީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި, 2020 އިން ފެށިގެން އޮކްޓޯބަރު, 2022 ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގިއިރު, އެތަނުގެ ކުލި ދައްކާފައި ނުވާތީ އާއި ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން އުވާލާފައިވާތީ 92,000 އަށް ވުރެ ގިނަ ޑޮލަރު (1.4 މިލިއަން ރުފިޔާ) ހޯދުމަށެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ރާއްޖޭގައި ހުންނަ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ ނުކުރެވޭނެ ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން ހުކުމުގަިއވަނީ ޔޫއޭއީ އެމްބަސީއަކީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ތަނަކަށް ވާތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލައެއް ވެސް ކުރިން ފެންމަތިވި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައި އޮތީ ބޭރުގެ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޔޫއޭއީ އެމްބަސީ އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ