ގެސްޓްހައުސް އެސޯސިއޭޝަނުން ބުނަނީ އިސްރާޢީލު ޕާސްޕޯޓް އެއްކޮށް މަނާކޮށްފިނަމަ އިޤްތިޞާދަށް ގެއްލުންވާނެ ކަމަށް

އިސްރާޢީލު ޕާސްޕޯޓް އެއްކޮށް މަނާކޮށްފިނަމަ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފިއެވެ.
އިސްރާއީލުގެ ހަރުކަށި ޔަހޫދީންނަށް އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ކަމާގުޅުންހުރި އެކި އިދާރާތަކާ ބައްދަލުކޮށް މަޝްވަރާތައް ބާއްވަން ފަށާފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެކި ޖަމުޢިއްޔާތައްވެސް ހިމެނެއެވެ.
މިގޮތުން، ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރުކުރުމުން އެ އެސޯސިއޭޝަންގެ މެންބަރުން ބުނެފައިވަނީ ޔަހޫދީ ދައުލަތުގެ ވެރިންނަށް ރާއްޖެއަށް ނުވަދެވޭގޮތް ހެދުމަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އިސްރާޢީލު ޕާސްޕޯޓް ގެންގުޅޭ އެންމެނަށް ރާއްޖެއަށް ޒިޔާރަތްނުކުރެވޭ ގޮތް ހެދުމަކީ އިގްތިޞާދަށް އޭގެ ސަބަބުން ގެއްލުންވާނެ ކަމެއް ކަމަށެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީންނަށް އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅުން ނުވަތަ ޑުއަލް ސިޓިޒަންޝިޕް ނެގޭއިރު އެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެނުވެވޭގޮތް ހެދުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އޮންލައިން ޕްލެޓްފޯމުތަކުގެ ބޮޑު ހިއްސާއެއް އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައި ކަމަށްވާއިރު އެހާ ބޮޑު ނިންމުމެއް ރާއްޖެފަދަ ކުޑަ ގައުމަކުން ނިންމުމުން އޭގެ އަސަރު އިގްތިޞާދަށް ކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅީ އިދިކޮޅު އެމްޑީޕީން މިދިޔަ މޭ 29 ވަނަ ދުވަހުއެވެ. އަދި އެ ދައުރު ނިމި އާ ދައުރެއް ފެށިގެން ދުވަސް ވެފައިވާއިރު ވެސް އެ މަސައްކަތް ނުނިމި ދިގުދެމިގެންދާތީ، ދާދި ފަހުން އެމްޑީޕީން ވަނީ އަވަސްކޮށްދިނުމަށް އެދި ގަރާރެއް ވެސް ހުށަހަޅާފައެވެ.
އެކަމަކު ޕީއެންސީ މެޖޯރިޓީ އޮންނަ މަޖިލީހުން ގަރާރު ބަލައި ނުގަނެ ބޭރުކޮށްލުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ