ދައުރުކުރަނީ ފޭކު ލިސްޓެއް، ރައްޔިތުން ރުޅި ނާރުވާ

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލާގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ފޭކު ލިސްޓެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ފްލެޓުތަކާއި ގުޅޭގޮތުން އޭސީސީން ތަހުޤީޤުކޮށް ބެލިބެލުމުން ޝަރުތު ހަމަވާ އަދި އިތުރު މައްސަލައެއް ހުރިިކަން ފާހަގަ ނުވާ މީހުންގެ ލިސްޓެއް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އޭސީސީން މިނިސްޓްރީ އަށް ފޮނުވި ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު އަންނަނީ ލިސްޓެއް ދައުރުވަމުންނެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅޭގޮތުން ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަހުގީގުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ލިސްޓުގެ މައުލޫމާތު މިހާތަނަށް ކޮމިޝަނުން ހިއްސާކޮށްފައިވަނީ ހައުސިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އެކަނި ކަމަށެވެ.
"އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، އެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާ އަށް ކަންބޮޑުވާ ވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.
އޭސީސީން ވަނީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި އާންމުންނަށް ދޭންޖެހޭ މައުލޫމާތު ކޮމިޝަނުގެ ރަސްމީ މީޑިއާ އެކައުންޓުތަކުންނާއި ނޫސްތަކަށް ރަސްމީކޮށް މައުލޫމާތު ދީގެން ހިއްސާކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ