މައުމޫނު ޕީޕީއެމްއާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުން ބާތިލުކޮށްފި

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދަށުން ކުރިއަށް ގެންދަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ މައްސަލަ ބެލެން ނެތް ކަމަށް އަންގައި މައްސަލަ ބާތިލުކޮށްފި އެވެ. ރައީސް މައުމޫނު ޕީޕީއެމްއާ ދެކޮޅަށް ދައުވާކުރީ ކޯޓުތަކުން ކުރި ހުކުމާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް ހިންގަމުން ދާ ކަމަށް ބުނެ އެވެ. އެ ދައުވާގައި ބުނެފައިވަނީ ކޯޓުތަކުން ކުރި ހުކުމުގައި ވާގޮތުން ރައީސް ޔާމީންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވިދާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ރައީސްގެ ހުރިހާ ބާރެއް މުޝްތަޝާރުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް ހުކުމުގައި ބުނެފައި ނުވާ ކަމަށެވެ. އެ މައްސަލަ ބާތިލުކޮށް ސިވިލް ކޯޓުން ބުނެފައި ވަނީ އެއީ މީގެ ކުރިން ސިވިލް ކޯޓުން ބަލާފައިވާ އަދި އެ މައްސަލައަކަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ މައްސަލައެއް ކަމަށެވެ. ސުޕްރީމް ކޯޓުން ނިންނުމެއް ނިންމާފައިވާ ވަނިކޮށް އެ މައްސަލައާ ގުޅިގެން އިތުރު ދައުވާއެއް ހުށަހެޅުމުން ބަލައިގަތުމާއި ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ކޯޓުން ބުންޏެވެ. އަދި މައްސަލަ ބަލައިގެންފައިވަނީ ރަޖިސްޓްރާގެ ދައުރުގެ ތެރެއިން ސިވިލް ކޯޓުގެ އިހްތިސާސްގެ ބޭރުން ކަމަށްވެސް ވަނީ ބުނެފަ އެވެ. ޕީޕީއެމްގެ ހިންގުމުގެ ހުރިހާ ބާރުތަކެއް މިހާރުވަނީ ރައީސް މައުމޫނުގެ އަތްޕުޅުން ނަންގަވާފަ އެވެ. ނަމަވެސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ނޫންކަމަށް އަދި އެއްވެސް ފަރާތަކުން ނިންމާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ