ގާނޫނާ ޚިލާފުކަމަށް ވިދާޅުވެ ޗާގޯސް މައްސަލައިގައި ގާސިމް ވެސް ސަރުކާރާ ދެކޮޅަށް
ޗާގޯސްއާ ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގައި ފުށުއެރި މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ކެބިނެޓުން ތަފްސީލްކޮށް ދީފައިވަނިކޮށް, ސަރުކާރުން އަމަލުކުރީ ގާނޫނާ ޚިލާފަށްކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޗާގޯސް މައްސަލައިގައި ސަރުކާރާ ދެކޮޅަށް ނިކުންނަވައިފިއެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޚިޔާލު ފާޅުކުރައްވަމުން ގާސިމް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)އިން ނިންމި ނިންމުމަކީ ރާއްޖެއަށް 200 މޭލުގެ ބޮޑު ސަރަހައްދު ހޯދުމުގެ ފުރުސަތު ގެއްލުނު ހުކުމެއް ކަމަށެވެ. އަދި އެ ފުރުސަތު ގެއްލުނީ ރާއްޖޭގެ ސަރުކާރުތަކުން އެ މައްސަލައިގައި ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް މި ސަރުކާރުން ކުއްލިއަކަށް ބަދަލުކުރުމުން ކަމަށެވެ. އެ ކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުުވަޒީރަށް ފޮނުއްވެވި ސިޓީފުޅަށް، ހުކުމުގައި ހަވައިލައިދީފައި އޮތުމުން ހާމަވާކަމަށް ގާސިމް ވިދާޅުވިއެވެ. "މި އަމަލަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ތިންވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި އަމަލަކަށްނުވޭތޯއެވެ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެންމެ ކުޑަ އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އޭނާ ތާއީދުނުކުރައްވާނެ ކަމަށެވެ. އަދި އެ ހުކުމާ ގުޅިގެން ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރަން ތައްޔާރުކަމަށް ގާސިމް ވިދާޅުވިއެވެ. "އެހެންވެ އިޓްލޮސްގެ އެ ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެ މަގަށް ދިވެހި ރައްޔިތުންނާ އެކު އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ނުކުމެއެވެ،" ގާސިމް ވިދާޅުވިއެވެ. މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަމެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަޙައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދީ، މޮރީޝަސްއަށް ދިނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި ނިންމުމާ އެކު، ރާއްޖެއަށް 4687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ