ޖޭޕީގެ މަގާމުތަކާ ގުޅޭގޮތުން ރައީސާއި ގާސިމް މަޝްވަރާ ކުރައްވަނީ
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން މިހާރު ސަރުކާރުގައި ހުރި އެ ޕާޓީގެ ސްލޮޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ކޯލިޝަން އެކުގައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ރައީސް ޞާލިހް، ކޯލިޝަން ޕާޓީތަކަށް ދައުވަތު ފޮނުވާފައިވަނިކޮށް، ޖޭޕީން އަމިއްލައަށް އިންތިޚާބަށް ނުކުންނަން ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރަން ތިއްބަވަން ވާނީ އެ މަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ބޭފުޅުން ކަމަށެވެ. އަދި، އެ މަނިކުފާނަށް ތާއީދުނުކުރައްވައި ނުވަތަ އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރައްވައި ބޭފުޅުންނާ އެކު އެ މަނިކުފާނު ބޭނުންފުޅުވާ ކަންކަން ހާސިލު ކުރަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ރައީސްގެ ސިޔާސަތުތަކާ ދެކޮޅު ހައްދަވައި ބޭފުޅުންނާ އެކު، ނުވަތަ ސަރުކާރުގައި ތިއްބަވައިގެން ރައީސާ ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރައްވައި ބޭފުޅުންނާ އެއްކޮށް ކުރިއަށް ވަޑައިގަތުމުގައި ހަމަ ގައިމު ވެސް ދަތިތަކެއް ހުންނާނެ." އޭނާ ވިދާޅުވިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް އޭނާ ވިދާޅުވީ ރައީސްގެ މި ވަގުތުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމާއި ސަރުކާރުން ހިންގެވުން ކަމަށާއި އެ ކަމަށް އެ މަނިކުފާނަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެއްޖެ ނަމަ، ސަރުކާރު ހިންގަން ދަތިވާނެކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެފި ހާލަތެއްގައި މިހާރު ސަރުކާރުގައި ހުރި ޖޭޕީގެ ސްލޮޓްތަކާ ގުޅޭ ގޮތުން އެ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. "[ޖޭޕީން] ރިޔާސީ ކެންޑިޑޭޓަކު ނެރެފި ހާލަތެއްގައި ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތަކާ މެދު ރައީސް މަޝްވަރާ ކުރައްވާނެ، ގާސިމް އިބްރާހިމް އަދި ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާ ވެސް އެއްކޮށް. ރައީސަށް މުހިއްމީ، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން، ސަރުކާރު ހިންގެވުން. އެ ކަމަށް އެއްބާރުލުން ދެއްވާ ފަރާތްތަކާ އެކު ރައީސް ކުރިއަށް ވަޑައިގަންނަވާނެ." އޭނާ ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހް -- ފޮޓޯ: ރައީސް އޮފީސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. ޖޭޕީން ރިޔާސީ ރޭހަށް ނުކުންނަން ނިންމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވައި މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ސަރުކާރުގައި ތިބި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ގޮވާލައްވައިފައެވެ. ޖޭޕީގެ ލީޑަރު ގާސިމް ވަނީ އެއަށް ރައްދުދެއްވައިފައެވެ. ސަރުކާރުން ޖޭޕީގެ ބޭފުޅުން ވަކިވާން ޖެހޭނަމަ ރައީސް ޞާލިހް ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ