ޝާޒް ގުރައިދޫ ދާއިރާގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަގާމަށް އަލަށް އިންތިޚާބުވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒް މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. ޝާޒަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ. މަގާމުގެ ހުވާކުރެއްވުމަށް ފަހު، ޝާޒް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މެމްބަރަށާއި އެމްޑީޕީއަށް މަރުޙަބާ ދަންނަވާފައެވެ. މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނީ 1346 ވޯޓާއެކުވެ. އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕީޕީއެމް އިންނާއި އެމްއެންޕީ އިންނެވެ. https://twitter.com/mvpeoplesmajlis/status/1650371664021164032 ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އަށް 1266 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގެންނެވީ 136 ވޯޓެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. މިއީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ބޭއްވި މަޖިލިސް އިންތިހާބެއްގައި އެމްޑީޕީން މި ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ޝާޒް ގުރައިދޫ ދާއިރާގެ ގޮނޑިއާ ހަވާލުވެވަޑައިގެންނެވުމާއެކު މިހާރު މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 68 މެމްބަރުން އެބަ ތިއްބެވެ. ނަމަވެސް އޭގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުން ހިމެނެއެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ