ރުބީނާއާއި އަބީނާވްގެ އުފާވެރިކަން ދެ ގުނައަށް

މިދިޔަ ސެޕްޓެމްބަރު މަހު ބަލިވެއިންކަން އިއުލާނުކުރި މަޝްހޫރު ޓީވީ ބަތަލާ ރުބީނާއާއި އަބީނާވްއަށް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަން އެނގުމާ އެކު ދެމަފިރިންގެ އުފާވެރިކަން ދެގުނަ އިތުރުވެއްޖެކަމަށް ބަތަލާ ބުނެފިއެވެ. ރުބީނާ ވަނީ މި ޚަބަރު ވަރަށް ހިތްގައިމު ވީޑިއޯއަކާ އެކު ބަތަލާއަށް ތާއީދުކުރާ މީހުންނާ ހިއްސާކޮށްފައެވެ. ޓީވީ ސިލްސިލާތަކުން އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާއަކީ މަޝްހޫރު ރިއަލިޓީ ޝޯވް "ބިގް ބޮސް14"ގެ ޓްރޮފީ ވެސް ކާމިޔާބުކޮށް ބެލުންތެރިންގެ ލޯބި ހޯދާފައިވާ ބަތަލާއެކެވެ. ރުބީނާއަށް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަން ފިރިމީހާ އަބީނާވްއަށް އެނގުމުން ފުރަތަމަ އެކަން ޤަބޫލުކުރަން ދަތިވިކަމަށް ބަތަލާ ވަނީ ބުނެފައެވެ. ރުބީނާ އާއި އަބީނާވް ދެ މީހުންގެ ކައިވެނީގެ ހަފްލާއެއްގެ ތެރޭގައި ރުބީނާގެ އަމިއްލަ ޕޮޑްކާސްޓް ޝޯވް "ކިސީނޭ ބަތަޔާ ނެހީ"ގައި އެއްމާބަނޑު ދެ ކުދިން ލިބޭޚަމުގެ ޚަބަރު އިއުލާނުކުރަމުން ރުބީނާ ވަނީ އެފަދަ މަންމައިންގެ ތަޖުރިބާ ވެސް ޕޮޑްކާސްޓު މެދުވެރިކޮށް ހިއްސާކޮށްފައެވެ. ރުބީނާ ބަލިވެއިންތާ ކުރީކޮޅު ދިމާވި ކާރު އެކްސިޑެންޓުގެ ތަޖުރިބާ ވެސް މި ޕޮޑްކާސްޓު މެދުވެރިކޮށް ބެލުންތެރިންނާ ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އެ އެކްސިޑެންޓާ ގުޅިގެން އެއްވެސް ގެއްލުމެއް ބަތަލާއަށް ނުލިބޭ ކަމަށް ރުބީނާ ވަނީ ބުނެފައެވެ. މަޝްހޫރު ޓީވީ ސީރީސް "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ"އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ބަތަލާ އެކްޓަރު އަބީނާވާއި ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ