ފައިސާ ނެތްކަމަށް ބުނާއިރު ޑްރޯންޝޯއަކަށް 6 މިލިއަން ހަރަދުކުރަން އުޅޭކަމުގެ އަޑުއިވޭ: އަހުމަދު ދީދީ

ރާއްޖެ މާލީ ދަތިކަމެއްގެ ތެރޭގައި އޮތްއިރު އައު އަހަރު ފާހަގަކުރުމުގެ ގޮތުން ޑްރޯން ޝޯއެއް ބޭއްވުމަށް 6 މިލިއަނަށްވުރެ އިތުރު އަދަދެއް ހަރަދުކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ދީދީވަނީ ރައީސް ޑރ މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައި ފާޑުވިދާޅުވެފައެވެ. މެމްބަރު ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު މިނިސްޓްރީތައް ވަކިކުރެއްވީ ކަންކަން ހަރުދަނާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށާއި ރައްޔިތުންނަށް ލިބިދޭ ހިދުމަތްތައް ވަރުގަދަކުރުމުގެ ގޮތުންކަމަށެވެ. ނަމަވެސް މިނިސްޓްރީތައް ވަކި ކުރުމުން ފެނިގެންދިޔައީ ކޮރަޕްޝަންގެ އަމަލުތައްކަމަށާއި ދާދި ފަހުން އެފަދަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް އިޝާރާތްކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މިހާރު ވަކިކުރެއްވި މިނިސްޓްރީތައް އަނެއްކާވެސް އެއްކޮށްލައްވައިފިކަމަށާއި ރައްޔިތުންނަށް ވާނުވާ ސާފުނުވާކަމަށެވެ. އަހުމަދު ދީދީ ވިދާޅުވީ، މެންދުރުފަހު ވިދާޅުވަނީ ހެނދުނު ވިދާޅުވާ ވާހަކަތައް ނޫންކަމަށާއި މީގެ ދުވަސްތަކެއް ކުރިން ރައީސްގެ ތަރުޖަމާނުވަނީ ކެބިނެޓަށް އެއްވެސް ބަދަލުތަކެއް ގެނައުމަށް އެމަނިކުފާނު ގަސްތު ނުކުރައްވާކަމަށް ވިދާޅުވެފައިކަމަށެވެ. ދީދީ ވިދާޅުވީ، އެހެންކަމުން ސަރުކާރުން ދައްކާ ވާހަކަތަކާއި އަމަލާއި އެއްވެސް ވަރަކަށް ދިމާނުވާކަން ފެނިގެންދާކަމަށެވެ.
ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އައުން ފާހަގަކުރުމަށްވެސް މެމްބަރު ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދެ މިލިއަން ފަތުރުވެރިން އައުމަކީ ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދުތައް އިތުރުވާންޖެހޭކަމުގެ ދަލީލެއްކަމަށާއި ނަމަވެސް މި ސަރުކާރުން ވެރިކަން ކުރަމުންދާތާ ދޮޅު އަހަރު ދުވަހާއި ގާތްވެފައިވާއިރު އެ ފައިސާއިން ކުރިކަމެއް ފެންނަން ނެތްކަމަށެވެ.
މެމްބަރު ވިދާޅުވީ، ޑޮލަރު ނެތިގެން ރައްޔިތުންނަށް ދެމުންދާ އަސަސީ ހިދުމަތްތައް މެދުކަނޑާލުމުގެ ވާހަކަތައް އިވިގެންދާއިރު އައު އަހަރު ފާހަގަކުރުމުގެ ގޮތުން 30 ސުކުންތައް ޑްރޯން އެރުވުމަށް 6 މިލިއަނަށްވުރެ އިތުރު އަދަދެއް ހަރަދުކުރުމަށް ތައްޔާރުވަމުންދާކަމުގެ އަޑުވެސް އިވިގެންދާކަމަށެވެ.
އެހެންކަމުން ފައިސާ ނެތްކަމަށް ބުނާ ވާޙަކައާއި އަމަލުތަކާއި ދިމާނުވާކަމަށް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، ސަރުކާރުން ދައްކާ ވާހަކަތަކަށް ސަމާލުވާންޖެހޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ