އީރާނުގައި އަދިވެސް ހަނގުރާމަ ކުރެވޭ ވަރަށް މިސައިލް އެބަހުރި: ޓްރަމްޕް
އީރާނުގައި ހަނގުރާމަ ކުރުމުގެ ގާބިލުކަން އަދިވެސް އެބަހުރި ކަމަށާއި އެ ގައުމުގައި "21 ނުވަތަ 22 ޕަސެންޓް" މިސައިލް ބާކީ އެބަހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. ޓްރަމްްޕް އެގޮތަށް ވިދާޅުވީ އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައެވެ. "އެމީހުންގެ އަތުގައި ބައެއް މިސައިލްތައް އެބަހުރި، ބައެއް ޑްރޯންތައް އެބަހުރި. އަޅުގަނޑު ދަންނަވާނީ، ޕަސެންޓް ވައިސް، ފަހަރެއްގައި 21 ނުވަތަ 22 ޕަސެންޓް މިސައިލް ހުރި ކަމަށް." ޓްރަމްޕް ވިދާޅުވިއެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ހަނގުރާމަ ކުރުމުގެ ގާބިލްކަން އީރާންގެ ކިބައިން މުޅިން ނައްތާލާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރި ނަމަވެސް ދެ ފަރާތުން އަދިވެސް އަންނަނީ ހަމަލާ ބަދަލު ކުރަމުންނެވެ. އެގޮތުން އެމެރިކާއިން އެންމެ ފަހުން ހަމަލާ ދީފައި ވަނީ އީރާނުގެ ދެކުނު އައްސޭރީގައި ހުރި ރާޑަރު ސައިޓްތަކަށް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އެ ހަމަލާގެ ރައްދުގައި އިއްޔެވެސް އީރާނުން ވަނީ ކުވޭތާއި ބަހްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެހެނިހެން މުހިންމު ތަންތަނަށްވެސް ހަމަލާ ދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު ދުވަހުވެސް ވަނީ ހުރްމުޒް ކަނޑުއޮޅިއާ ދިމާލުން އީރާނުން ދިން ހަތަރު ޑްރޯން ހަމަލާ ދިފާއުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އޭގެ ފަހުން ގޯރޫކް ސިޓީއާއި ޤަޝްމް އައިލެންޑްގައި ހުރި އީރާނުގެ އައްސޭރިފަށުގެ ސަވައިލެންސް ރާޑަރު ސައިޓްތަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ދެ ދުވަސް ކުރިން ކުވެއިތުން ބުނެފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ބެލިސްޓިކް 30 މިސައިލެއް އެ ގައުމުން ވަނީ ހުއްޓުވައި ވައްޓާލާފައެވެ. އޮމާން ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ދެ މަނަވަރަކަށް އަމާޒުކޮށް "އިންޒާރުގެ މިސައިލް" ފޮނުވާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިންވެސް ހުކުރު ދުވަހު ބުނެފައިވެއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލުކުރާ ހަމަލާތައް ހުއްޓާލާފައި ބާއްވަން އޭޕްރީލް އަށް ވަނަ ދުވަހު އެއްބަސްވެފައި އޮތް ނަމަވެސް ހަމަލާތައް ކުރިއަށްދާއިރު، ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށްވެސް މިހާތަނަށް އާދެވިފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ