މުވައްޒަފުންގެ މުސާރައަށް މި އަހަރު އިތުރަށް 470 މިލިއަން ރުފިޔާ ހަރަދުކޮށްފި

މިދިޔަ މަހުގެ 14ގެ ނިޔަލަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 470 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިދޔަ މަހުގެ 14ގެ ނިޔަލަށް އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 5.31 ބިލިއަން ވަނީ ހޭދަކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 4.84 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު ސަރުކާރުން ވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 470 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައެވެ. ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ތައާރަފުކުރި އާ ޕޭ ފްރޭމްވާކަށް މިހާތަނަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ ބަދަލުކުރެވިފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދޫކުރި ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ވަނީ 2.1 މިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކަށް ހޭދަކޮށްފައެވެ. އެއީ 16.2 މިލިއަން ރުފިޔާއެވެ. އެ އަދަދުގެ ބޮޑު ބައެއް ވެސް ދާނީ ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.
މިހާތަނަށް ސަރުކާރުގެ ހަރަދު ވަނީ މިދިޔަ އަހަރަށް ވުރެ 8.5 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 49 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިހާތަނަށް ހަރަދުކުރި ޖުމްލަ ހަރަދުގެ 33 އިންސައްތައަކީ ދަރަނި ދައްކަން ކުރި ހޭދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ