ތާރީހީ އިއްތިހާދެއް: ތިން ރައީސުން އެކުވެ، ސަރުކާރުގެ "ޣައިރުގާނޫނީ" އަމަލުތަކާ ދެކޮޅަށް ތެދުވުމަށް ޔާމީން ގޮވާލައްވައިފި

ސަރުކާރުން ގާނޫނާ ހިލާފަށް ހިންގަމުންދާ ކަންކަމާ ދެކޮޅަށް އަޑުއުފުލުން ވަރުގަދަ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ. ރައީސް ޔާމީން މިކަމަށް ގޮވާލެއްވީ ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން އެކުގައި ބޭއްވި ތާރީހީ ބައްދަލުވުމެއްގަ އެވެ. މިއީ މި ތިން ރައީސުން އެއް މޭޒަކަށް ވަޑައިގެން ގައުމީ މައްސަލަތަކުގައި މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން މުޅި ގާނޫނުއަސާސީ އަތްޕުޅަށް ކަހާލައްވައިގެން ގާނޫނާ ހިލާފު އެތައް ކަމެއް ހިންގަމުންދާ ކަމަށެވެ. އަދި މި ހާލަތަކީ ކެތްކުރެވޭނެ މިންވަރަށްވުރެ ބޮޑުވެފައިވާ ހާލަތެއްކަން ފާހަގަކުރައްވައި، ދެން އެހެންވީމާ އަޅުގަނޑުމެން ބުނަންޖެހޭނީ އިނަފް އިޒް އިނަފް ނުވަތަ މިވަރުން ފުދިއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އެއްވުންތައް ހުއްޓުވުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ހާއްސަކޮށް ނޫސްވެރިންގެ ހައްގުތަކަށް އަރައިގަނެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ މައްސަލައިގައި އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިގޮތުން ހައްޔަރުކޮށްފައި ތިބި ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވައި، ޝަރުއީ ދާއިރާއިން ނެރެގެން އުޅޭ ގެގް އޯޑަރު ނުވަތަ ވާހަކަ ދެއްކުން މަނާކުރާ އަމުރުތައް ދޫކޮށްލުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ވެރިކަމުގެ ނިޒާމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަކީ ވެސް ފުރިހަމަ ނުވަތަ ޕާފެކްޓް ވެރިކަމެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ގައުމު މިވަނީ ވިއްސަކަށް އަހަރު ފަހަތަށް ގޮސްފައި ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
މި ތިން ރައީސުންގެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ނޫސްވެރިންގެ ދިފާއުގައާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އެކުގައި މަސައްކަތް ކުރުމެވެ. ހާއްސަކޮށް ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިން ޖަލަށްލައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނާ މައްސަލައިގައި މި ތިން ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނަސީރު މި ސަރުކާރުން ހައްޔަރުކޮށް ޖަލަށްލާފައިވާ ދަނޑިވަޅެއްގަ އެވެ. ޝަހުޒާން ހައްޔަރުކުރީ ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާ ގުޅުވައި ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އަދި ލީވާން ޖަލަށްލީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ތައްޔާރުކުރި އައިޝާ ޑޮކިއުމެންޓަރީއާ ގުޅޭ ހަބަރު ފެތުރުމުންނެވެ. މި ނޫސްވެރިން ދޫކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ވެސް ގިނަ ބަޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
މި ބައްދަލުވުމަށްފަހު ތިން ރައީސުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ގައުމުގެ ހާލަތު އިސްލާހު ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާ ބާބެއް ފެށިގެން ދިޔަ ތާރީހީ ދުވަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ