ސައުދީގައި ސަލާން ޖަހައިގެން އަހަރަކު 187 މިލިއަން ޑޮލަރު ހޯދާ

ރިޔާޒް (ޖުލައި 2) - ސައުދީ އަރަބިއާގައި ސަލާން ޖަހާ މީހުން އަހަރެއްގެ ތެރޭގައި 700 މިލިއަން ރިޔާލް (187 މިލިއަން ޑޮލަރު) ހޯދާ ކަމަށް އެ ގައުމުގެ މަޝްހޫރު ޗެރިޓީއަކުން ބުނެފި އެވެ.
ސައުދީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް ހިންގަވާ ޗެރިޓީން ބުނީ މަގު މަތީ ސަލާން ޖެހުން ގުޅިފައި ވަނީ ގޭންގުތަކާ ކަމަށެވެ. އެހެންވެ ސަލާން ޖަހާ މީހުންނަށް ފައިސާ ނުދިނުމަށް އެ ޖަމާއަތުން ހިތްވަރު ދެ އެވެ.
ސައުދީގައި ރޯދަ މަހު ސަލާން ޖަހާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ އެވެ. ހެޔޮކަމުގެ މައްސަރުގައި ދީލަތިވާ މީހުން ގިނަވުމާ އެކު އެވެ. އަލް ވަލީދުގެ ޗެރިޓީން ބުނި ގޮތުގައި ސައުދީގައި ރޯދަ މަހު ސަލާން ޖަހާ މީހުން 50 ޕަސެންޓް އިތުރުވާ ކަމަށެވެ. އަދި ނުކުޅެދޭ ކަމަށް ހެދިގެން އުޅޭ މީހުންނާއި ކުޑަ ކުދިން ބޭނުންކޮށްގެން ސަލާން ޖެހުން ވެސް އާއްމުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.
ސައުދީގައި ސަލާން ޖަހާ މީހުން ރޯދަ މަހު ގިނަވޭ.
ސަލާން ޖަހައިގެން ސައުދީން 2014 ވަނަ އަހަރު ވަނީ 8،000 މީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭން 70 ޕަސެންޓަކީ ބިދޭސީންނެވެ.
ކޮންމެ އަހަރެއްގެ ވެސް ހައްޖުގެ އަޅުކަމަށާއި ރޯދަ މަހުގެ އުމުރާ އަށް އެތައް ލައްކަ ބަޔަކު ސައުދީ އަށް ދަތުރު ކުރެ އެވެ. މީގެ ތެރޭން ބައެއް މީހުން އަޅުކަމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ބަދަލުގައި ސައުދީގައި ފިލައިގެން އުޅެ އެވެ. އަދި މި މީހުންގެ ޚަރަދުތައް ހަމަޖައްސަން އެންމެ ފަހުން ސަލާން ޖަހަން ނުކުމެ އެވެ.
ހަރަމްފުޅާ މާ ދުރު ނޫން ހިސާބެއްގެ މާރުކޭޓެއްގައި އިން އުމް މުހައްމަދު ބުނީ ސަލާން ޖަހައިގެން އޭނާ އަށް އާދައިގެ ދުވަހެއްގައި 30-60 ރިޔާލް ލިބޭ ކަމަށެވެ. އަދި ރަނގަޅު މަހެއްގައި 5،000 ރިޔާލް (1،300 ޑޮލަރު) ލިބޭ ކަމަށް ވެސް ބުންޏެވެ. އަދި ހައްޖު މޫސުމުގައި މި އަށް ވުރެ ގިނަ އިން ވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ވަނީ ސަލާން ޖަހައިގެން 90 މީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި 34 ކުޑަ ކުދިން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ