މައުމޫން އުފެއްދެވި މަޝްވަރާ މަޖިލިހުން އުމަރު ވަކިކޮށްފި

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިސްލާހު ކުރުމަށްޓަކައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލަފާއެރުވުމަށް އިއްޔެ އުފެއްދެވި މަޝްވަރާ މަޖިލިހުގެ އުމަރު ނަސީރު މިރޭ ވަކިކުރައްވައިފި އެވެ.
އުމަރު "މިހާރު" އަށް ވިދާޅުވީ މަޝްވަރާ މަޖިލިހުން އޭނާ ވަކިކުރެއްވީ، 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އޭނާ ނިންވެވުމާ ގުޅިގެން ކަމަށެވެ. އަދި އެ ނިންމުން މައުމޫން ނިންމެވީ އޭނާއާ ވެސް މަޝްވަރާ ކުރައްވައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
"އިންތިހާބަށް އަޅުގަނޑު ނުކުންނަ ކަމަށް ވަނީ މަސްލަހަތު ފުށުއަރާނެ. އެއީ ޕްރައިމަރީއެއްގެ ވާހަކަ މިދައްކަނީ. އެ ވާހަކަ ދައްކާއިރު، އެކަންކަމަށް މަސައްކަތްކުރަން އަޅުގަނޑު މަޝްވަރާ މަޖިލިހުގައި އިނުމަކީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އެކުލެވޭނެ ކަމެއް. އެގޮތަށް ރައީސް މައުމޫނާއި އަޅުގަނޑަށް ވެސް ވިސްނުނީ،" އުމަރު ވިދާޅުވި އެވެ.
މަޝްވަރާ މަޖިލިހުގައި މިހާރު ތިއްބަވާނީ މައުމޫންގެ އިތުރުން ސީނާ އަހުމަދު ޒާހިރާއި ހަމްދޫން ހަމީދާއި އަނީސާ އަހުމަދާއި މުހައްމަދު ޒުހައިރާއި ރާޝިދާ ޔޫސުފާއި އައިމިނަތު އާތިފާ އާއި އާމިނަތު ނާދިރާ އެވެ. މަޝްވަރާ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ މައުމޫނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އުމަރު އިއުލާން ކުރެއްވީ ކުއްލި ގޮތަކަށް މިރޭގަ އެވެ. އޭނާ ވިދާޅުވީ އިންތިހާބަށް ނުކުންނަވާނީ ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނަމަ، އޭގެ ތެރެއިން ކާމިޔާބު ކުރައްވައިގެން ކަމަށެވެ. ޕާޓީގެ ތެރެއިން ފުރުސަތު ނުލިބިއްޖެ ނަމަ، އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވި އެވެ.
އިންތިހާބުގައި މިފަހަރު ވެސް އުމަރުގެ ސްލޯގަން އަކީ "އަމާނާތްތެރިކަން" އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ހޯދުމަށްޓަކައި ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރެއްވިއިރު ވެސް އެއީ އޭނާ ގެންގުޅުއްވި ސްލޯގަން އެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ހުންނެވި ދުވަސްވަރު ވިދާޅުވަމުން ގެންދެވީ އޭނާ ވާދަކުރައްވާނީ 2023ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ. އެކަމަކު ކުއްލި ގޮތަކަށް 2018ގެ އިންތިހާބަށް ނުކުންނަވަން ނިންމެވި ސަބަބެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ