ގައުމެއް ބިނާވާނީ ރަނގަޅު ސިއްހަތެއްގެ މައްޗަށް: ފަސްޓް ލޭޑީ

ގައުމެއްގެ ތައުލީމާއި މުޖުތަމައުގެ ކުރިއެރުމާއި އިގުތިސާދީ ފާގަތިކަން ބިނާވަނީ އެތަނެއްގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮ ސިއްހަތުގެ މައްޗަށް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ. 
ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ "ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތު ކެއާ ޕްރޮފެޝަނަލްސް 2026" މިއަދު ހެނދުނު އިފްތިތާހުކޮށް ދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ ރަނގަޅު ސިއްހަތަކީ ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، އިގުތިސާދީ ފާގަތިކަމުގެ ބިންގާ ކަމަށެވެ. 
ފަސްޓް ލޭޑީ ވިދާޅުވީ ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި އަދި ސައިންޓިފިކް ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލް ނުކުރެވޭނެ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ގައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިގުތިސާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމަށް ބަލައިގެން ކަމަށް ވިޔަސް، ގައުމެއްގެ ހަގީގީ ބާރުވެރިކަން ވަޒަން ކުރެވޭނީ އެ ގައުމެއްގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮ ސިއްހަތުގެ މައްޗަށް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. 
ފަސްޓް ލޭޑީ ވިދާޅުވީ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި ޖީނޮމިކްސް އާއި ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ޓެކްނޮލޮޖީތަކުގެ ދައުރު ފުޅާވަމުންދާ ކަމަށެވެ. 
ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރަމުން އަންނަ އައުމުގައި ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައި ވިޔަސް، އިންސާނީ އޯގާތެރިކަމަކީ ބަދަލު ނުކުރެވޭނެ ކަމެއް ކަމަށާއި އަދި އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ދަރިންގެ ސިއްހަތާ މެދު ކަންބޮޑުވެފައި ތިބި މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާޢި ނަމަވެސް އިންސާނުންނަށް ހިދުމަތް ކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާ ވެގެން ނުވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. 
ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި ޒަމާނީ އުމްރާނީ ތަރައްގީއަށާއި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި ހާއްސަ ހިދުމަތްތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. 
ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރައްވައި، ފަސްޓް ލޭޑީ ވިދާޅުވީ ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުން ކަމަށެވެ. އަދި ގިނަ ފަހަރަށް ބަލިމީހާގެ ހާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެ މީހަކާ ވަކިވެގެންދާ ބަޔަކީ ވެސް ނަރުހުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންގެ ހިދުމަތްތެރިކަމާއި އޯގާތެރިކަމަށްޓަކައި އެކަމަނާގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން އެ ކޮންފަރެންސްގައި ބައިވެރިވާ އަންހެނުންގެ ދައުރު ފާހަގަ ކުރައްވައި، އަންހެނުން އިސް ސަފުގައި ތިބުމުން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ އަދި މުޖުތަމައުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ސިއްހީ ނިޒާމު ވާނެ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ