ސަރުކާރުން ކުރާ ކޮންމެ ކަމެއް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ އިއާދަނުކުރެވޭ ހިސާބަށް ގައުމުގެ ކަންކަން ދިޔުމުގެ ކުރިން ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލުމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ގޮވައިލައްވައިފި އެވެ.
ފައްޔާޒް އެހެން ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް އިސްލާހު ނުގެނެސް، ހަމައެކަނި އެ މީހަކަށް ލިބޭ އާ ގޯތީގެ މައުލޫމާތު ބަދަލު ކުރުމަށްފަހު ސޮއިކުރަން ހައުސިން މިނިސްޓްރީން ނިންމި ނިންމުމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މިހާ ހިސާބަށް ކަންކަން ދިޔައީމާ އަމިއްލަ ނަފުސާ އެބަޖެހޭ ސުވާލުކޮށްލަން، ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ، ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ، އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިޔުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް،" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އިސްލާހެއް ނުގެނެސް ސޮއި ކުރުމަށް ހައުސިން މިނިސްޓްރީން މިރޭ ނިންމީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމުމުން، އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ހިޔާލުފާޅު ކުރަން ފެށުމުންނެވެ.
އެ މިނިސްޓްރީން މިހާރު ނިންމާފައި ވަނީ މެއި 30، 2025 ގައި ނެގި ގުރުއަތާ އެއްގޮތަށް ގޯތިތައް ހަވާލު ކުރުމުގެ ގޮތުން، ހަމައެކަނި ގޯތީގެ އާ ރެޖިސްޓްރީ ނަންބަރާއި، ގޯތި އޮތް ތަން ބަޔާން ކޮށްދިނުމަށް ހިމަނާ ކޯޑިނޭޓްސްގެ އިތުރުން ގޯތީގެ ނަންބަރު ބަދަލުކުރުމަށްފަހު އިތުރު ބަދަލެއް އެއްބަސްވުމަށް ނުގެނެސް ސޮއި ކުރަންށެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް، ފަހުން ބަދަލު ކުރަން ޖެހުމުން ރައްޔިތުން އެކަމަށް ފާޑު ކިޔާނެ ކަމަށެވެ. ނަމަވެސް ގޯސްކޮށް ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ގައުމަށް ގެއްލުންތަކެއް ވާފަހުން ވެސް ފަހުން ގޮތް ދޫކުރާކަން އެއީ ނަސީބެއް ކަމަށް އޭނާ ވިދާޅުވި އެެވެ.
"ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން 'އުނބަށް ޖެހީޔޭ' ރައްޔިތުން ބުނާނެ، އެހެންނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައި ވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެން ވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް،" ފައްޔާޒް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް ސަރުކާރުން ބަދަލު ގެނައީ މިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބިމާބެހޭ ގާނޫނުގެ މާއްދާއަކާ ހިލާފު ކަމަށް ބުނެ އެވެ.
ބިންވެރިޔާ ސްކީމަށް ކުރީ ސަރުކާރުން ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމަށް ބަދަލު ގެނެސް، މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުން ވަނީ ހިމަނައިފަ އެވެ.
މީގެއިތުރުން ގޯތީގެ އިތުރުން އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތަށް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.
ސަރުކާރުން ކުރާ ކަންކަން ބަދަލު ކުރާތީ ފާޑުވިދާޅުވެ ފައްޔާޒް ގޮވައިލެއްވީ ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލަން ސަރުކާރުން ކުރާ ކަންކަން ބަދަލު ކުރާތީ ފާޑުވިދާޅުވެ ފައްޔާޒް ގޮވައިލެއްވީ ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ