ސްޓާލިންކްގެ ޚިދުމަތް ސްރީލަންކާއަށް، ދެކުނު އޭޝިއާގައި މި ޚިދުމަތް ފުޅާވަނީ

މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސް އިން ހިންގާ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް، ސްޓާލިންކް، މިހާރު ސްރީ ލަންކާގައި ލިބެން ފަށައިފިއެވެ. މިއީ ބޫޓާން އާއި ބަންގްލަދޭޝަށް ފަހު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ގައުމެވެ. މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ސްޕޭސްއެކްސްގެ ބާނީ އަދި ސީއީއޯ، އިލޮން މަސްކް، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައެވެ. ސްރީލަންކާގައި މި ޚިދުމަތުގެ އަގުތައް ހަމަޖައްސާފައިވަނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އެއްވަރަކަށެވެ. އެގޮތުން ގޭގައި ބޭނުންކުރުމަށް ހާއްސަ ރެސިޑެންޝަލް ކަނެކްޝަނެއްގެ މަހު ފީއަކީ 12,000 އާއި 15,000 ލަންކާ ރުފިޔާ އާ ދެމެދެވެ. ޕޯޓަބަލް 'ރޯމް' ޕްލޭންތައް މަހަކު 15,000 އާއި 30,100 ލަންކާ ރުފިޔާއަށް ލިބޭއިރު، ޚިދުމަތް ފެށުމަށް އެއްފަހަރު ގަންނަންޖެހޭ ހާޑްވެއާ ސާމާނުގެ އަގަކީ 60,200 އާއި 118,000 ލަންކާ ރުފިޔާ އާ ދެމެދުއެވެ. ސްޓާލިންކް އިން އިންޑިއާގައި ހަރަކާތްތެރިވުމަށް ބޭނުންވާ މުހިންމު ހުއްދައެއް ކަމަށްވާ ޖީއެމްޕީސީއެސް ހުއްދަ މިދިޔަ މަހު ހޯދާފައިވީ ނަމަވެސް، ޚިދުމަތް ފެށުމުގެ ކުރިން އިތުރު ހުއްދަތަކެއް އަދިވެސް ބޭނުންވެއެވެ. އޭގެ ތެރޭގައި އިން-ސްޕޭސް އިން އޯބިޓަލް ސްލޮޓްތައް ހަމަޖެއްސުމާއި، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް އިން ސްޕެކްޓްރަމް ދޫކުރުން ހިމެނެއެވެ. ސްރީ ލަންކާއިން ސްޓާލިންކްއަށް ފަސް އަހަރުގެ ހުއްދަ ދީފައިވަނީ އޮގަސްޓް 12, 2024 ގައެވެ. ސްރީ ލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ ގައުމުގައި 21.5 މިލިއަން މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަންއާއި 2.6 މިލިއަން ފިކްސްޑް ލައިން ބްރޯޑްބޭންޑް ކަނެކްޝަން އެބަހުއްޓެވެ. ސްޓާލިންކް އިން އިންޑިއާ، ޕާކިސްތާން، ނޭޕާލް، އަދި މިޔަންމާ ފަދަ ދެކުނު އޭޝިއާގެ ބޮޑެތި ގައުމުތަކުގައި ޚިދުމަތް ފެށުމަށް ހުއްދަތަކަށް އިންތިޒާރު ކުރަމުން އަންނައިރު، މި ސަރަހައްދުގެ މުހިންމު އަނެއް ގައުމު ކަމަށްވާ ދިވެހިރާއްޖެއަށް މި ޚިދުމަތް ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ތައާރަފްކޮށްފައެވެ. ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ވަކިވަކި ރަށްތަކެއްގެ މައްޗަށް ފެތުރިފައިވާ ގައުމަކަށް ވުމުން، ދުރު ރަށްތަކަށާއި، ރިސޯޓުތަކަށާއި، އަދި ސަފާރީތަކާއި ކަނޑު އުޅަނދުފަހަރުތަކަށް ހަލުވި، އަދި އިތުބާރު ހުރި އިންޓަނެޓް ފޯރުކޮށްދިނުމުގައި ސްޓާލިންކް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މާލެއާ އަތޮޅުތެރޭގައި މިޚިދުމަތް މިހާރު އަންނަނީ މަޑުމަޑުން ނަމަވެސް ފުޅާވަމުންނެވެ. ސްޓާލިންކްގެ މިޚިދުމަތަކީ ފައިބާ ކޭބަލް ނުވަތަ މޮބައިލް ނެޓްވޯކްތައް ފޯރުކޮށްދިނުމަށް ގޮންޖެހުން ބޮޑު ސަރަހައްދުތަކަށް ޑިޖިޓަލް ގުޅުން ހޯދައިދިނުމުގައި މި ޓެކްނޮލޮޖީގެ ފައިދާ ދައްކުވައިދޭ ރަނގަޅު މިސާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ