ފޯކައިދޫ ޓޫރިޒަމް ޒޯން ލޭންޑްސްކޭޕްކޮށް، ނޭޗަރ ޕާކާއި އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިންކުރުމަށް ހަވާލުކޮށްފި

ށ. ފޯކައިދޫ ކައުންސިލުން ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމާއި، ނޭޗަރ ޕާކް ކޮންސެޕްޓް ޑިޒައިނިންގ އަދި އެ ރަށު އުސްފަސްގަނޑު ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސެރެޓް ސްޓޫޑިއޯއާއި ހަވާލުކުރެވުނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް 'ތިލަދުން' އަށް މައުލޫމާތުދީ ވިދާޅުވެފައިވަނީ މި އެއްބަސްވުންތަކުގެ ދަށުން ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޓޫރިޒަމް ޒޯން ލޭންޑްސްކޭޕް ކުރުމުގެ ދަށުން ގެސްޓް ހައުސް ތަކާއި އެހެނިހެން ވިޔަފާރި ސްލޮޓްތައް ވަކިކޮށް މަގުތަކާއި ގްރީން އޭރިއާ ފާހަގަކޮށް ޓޫރިޒަމް ޒޯން 3ޑީ ކޮށް ކުރެހުން ހިމެނޭކަމަށެވެ.
އަދި ފޯކައިދޫ ނޭޗަރ ޕާކުގެ ކޮންސެޕްޓް ޑިޒައިންކޮށް 3ޑީ ކޮށް ކުރަހައި، ނޭޗަރ ޕާކުގައި ފެންގަނޑުގެ އިތުރުން ބާބަކިއު އޭރިއާއަކާއި، ނަމާދު ކުރާ ކޮޓަރި އަދި ކެންޓީން ފަދަ ތަންތަނުގެ މަސައްކަތުގެ ތަފްސީލު ހިސާބު ހަދައި، ރަށުގެ އުސްފަސްގަނޑު ތަރައްޤީކުރާއިރު ފެރީ ޓާމިނަލް އަކާއި، ވީއައިޕީ އަދި ނަމާދުކުރާ ކޮޓަރިއަކާއި، އިސްރަށްވެހިންގެ މަރުކަޒު ހިމެނޭގޮތަށް އުސްފަސްގަނޑުގެ މަތީގައި ރެސްޓޯރެންޓެއް އަޅައި ކަރޯކޭ ކޮޓަރިއެއް ހެދުމަށް 3ޑީ ކުރެހުމާއި އެ މަސައްކަތުގެ ތަފްސީލު ހިސާބުވެސް ހެދުމަށް ހަވާލުކުރެވިފައިވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ މައިގަނޑު މަޤުސަދަކީ، ރަށް މާކެޓްކޮށް ލޯކަލް ޓޫރިޒަމަށް ރަށުގައި ފުޅާކޮށް، ފެރީ ގިމަތަ ހެދުމާއި ބަނދަރުގައި ނަމާދުކުރެވޭނެ ޖާގައެއް ހެދުމުގެ އިތުރުން އިސްރަށްވެހިންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށް ބަނދަރު ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓެއް އަޅައި ޚިދުމަތް ދިނުމަށް ކަމަށެވެ.
އަދި މި ފުރުސަތުގައި ފޯކައިދޫ ކަނޑޫފަލުގެ ބައެއް ހިމާޔަތްކޮށް ނޭޗަރ ޕާކުގެ ގޮތުގައި ތަރައްޤީކޮށް އެތަނަކީ ރަށަށް ޒިޔާރާތްކުރާ ދޭސީ ބިދޭސީ ފަތުރުވެރިންނަށް ހިތްގައިމު މަންޒިލަކަށް ހެދުމަށް ކަމަށް ރައީސް ފާހަގަކޮށްފައިވެއެވެ.
ރައީސް އިތުރަށް ބުނެފައިވަނީ، މި މަޝްރޫޢުގެ މަސައްކަތް ރަނގަޅަށް ޑިޒައިންކުރެވި މަސައްކަތްތައް ފެށުނީމައި ރަށުގެ އިޤުތިޞާދު ޤާއިމްކުރވި ހަރުދަނާވެގެން ދާނެކަމަށެވެ. އަދި ޒުވާނުންނަށް ރަށުން ވަޒީފާ ލިބި ރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް މަންފާކުރާނެކަމާއި ޒުވާން ވިޔަފާރިވެރިން އުފެދިި ރައްޔިތު މީހާ ހަމަ އިސްކޮޅަށް ދެމިލާނެކަމަށް ޤަބޫލުކުރާކަމަށެވެ.
ސެރެޓް ސްޓޫޑިއޯއާއި ހަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ 183،400 ރުފިޔާއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ