މަގާމުތަކަށް މީހުން އައްޔަންކުރަނީ ވައްކަން ކުރާކަށް ނޫން: ރައީސް

ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ވައްކަންކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގަން ނޫން ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، ފިޔަވަޅު އަޅުއްވާފައިވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ މެންދުރުފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ނޫނީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މިއަދާ ހަމައަށް އައިއިރު އެކި މީހުން، އެކި ތަންތަނުގައި ކޮށްފައި ހުރި ކަންކަމުގެ މައުލޫމާތު ލިބުނީމަ އެކަމުގެ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތަކަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވައިދުން ހިންގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރެއް ގޮތުގައި ހިނގަން. އެއީ އަޅުގަނޑު ވައުދުވި ގޮތަކީ ވެސް." އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންނެވި ހިސާބުން ކޮންމެ ކަމެއްގައި ވެސް ފިޔަވަޅު އެޅުއްވިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށާއި މަގާމުތަކުގައި ތިއްބަސް ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ކުރާކަން އެނގޭ ހިސާބުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ތަނެއްގައި އަޅުގަނޑު ބޭނުމެއް ނޫން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާކަށް. އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވައިދާ ހިލާފަށް ކަމެއް ކުރާކަށްވެސް ނޫން." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށާއި އެގޮތަށް އަމަލު ނުކުރައްވާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ކޮރަޕްޝަނުގެ އަމަލެއް ނޫނިއްޔާ ގަވައިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި ފަހަތަކަށް ނުޖެހޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މިއަދާ ހަމަޔަށްވެސް އެކި ތަންތަނުގައި ނޫނިއްޔާ އެކިއެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންތައްތައް، ކަންކަމުގެ މައުލޫމާތު ލިބުމުން ނުވަތަ އަޑުއަޑު އިވުމުން އެކަމަކަށް ފިޔަވަޅު އަޅަން ކަމާއި ބެހޭ ފަރާތްތަކަށް އެމަނިކުފާނު ވާނީ ދަންނަވާފައެވެ. އަދި މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އަދި ނުގަވައިދުން ހިނގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ