އެޓަލާންޓާ އާއި ޔުވެންޓަސް މެޗު އެއްވަރުވެއްޖެ

އިޓާލިއަން ސެރީއާގައި އެޓަލާންޓާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު އެޓަލާންޓާއިން ބޯޅަ ގެންގުޅެފައިވާއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށްވެސް ހަމަހަމަ ކޮށެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކުރި ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ ޔޫވޭއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 54 ވަނަ މިނެޓުގައި ޕިއޭ ކަލޫލޫއެވެ. ނަމަވެސް އެޓަލާންޓާގެ މެޓިއޯ ރެޓެގޫވަނީ މެޗުގެ 78 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މިއީ މި ފަހަރު ސެރީއާގައި މިހާތަނަށް މެޗަކުން ބަލިނުވާ ހަމައެކަނި ޓީމު ކަމަށްވާ ޔޫވޭއިން އެއްވަރުވި 13 ވަނަ މެޗެވެ. އަދި މި ފަހަރު ލީގުގައި ޔޫވޭއަށް މިހާތަނަށް މޮޅުވެވިފައިވަނީ ހަތް މެޗުންނެވެ. މިނަތީޖާ އާއެކު ޔޫވޭ މި ވަގުތު އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި އެޓަލާންޓާ އުޅެނީ 43 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. މި މުބާރާތުގައި އޭސީ މިލާން އާއި ކޯމޯ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާންއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކޯމޯގެ އަސާން ޑިއާއޮ ޖަހާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް މިލާންއިން ވަނީ ފަހަތުން އަރާ ދެ ލަނޑު ކާމިޔާބު ކޮށް މި މެޗު ކާމިޔާބު ކޮށްފައެވެ. މި ދެ ލަނޑު މެޗުގެ 71 ވަނަ މިނެޓާއި 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ތިއޯ ހެނާންޑޭޒް އާއި ރަފައެލް ލިއާއޯއެވެ. މި ކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ 31 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އަދި ކޯމޯ އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ