އެމްއޭސީއެލްއިން ޖެޓް ފިއުލް ވިއްކައިގެން 3 ވަނަ ކުއާޓާރގައި 5.3 މިލިޔަން ޑޮލަރު ލިބިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ކުއާޓާރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ 3 ވަނަ ކުއާޓާރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މި ކުއާޓާރގައި ޖެޓް ފިއުލް ވިއްކައިގެން 5.3 މިލިޔަން ޑޮލަރު ލިބިފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ.އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ 3 ވަނަ ކުއާޓާރގައި ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓާރއާ އަޅާބަލާއިރު 14% އިތުރުވެފައެވެ. މި އިތުރުވުން އައިސްފައިވަނީ މި ކުއާޓާރގައި ރާއްޖެ އައި އެއަރލައިންތަކުގެ އަދަދު އިތުރުވެފައިވުމުގެ ސަބަބުންނެވެ.ރާއްޖެ އަންނަ ބޯޓުތަކަށް ޖެޓް ފިއުލް ވިއްކުމަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދެމުންއަންނަ ޚިދުމަތެކެވެ. ރާއްޖެއަށް ޝެޑިއުލް ދަތުރުތަކާއި ޗާޓަރ ދަތުރުތައް ކުރާ އެއަރލައިންތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ރާއްޖެއަކީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައްވެސް ދަތުރުކުރާ ޤައުމެކެވެ.ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. މި އައު ފިއުލް ފާމުގައި 45 މިލިޔަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭއިރު، 1 މިލިޔަން ލީޓަރުގެ ޑީސަލާއި 100،000 ލީޓަރުގެ ޕެޓްރޯލްވެސް ރައްކާކުރެވެއެވެ.އައު ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު، ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ޚިދުމަތް ދިނުމަށް 8.4 ކިލޯމީޓަރުގެ ވިއުގައެއް އަޅާފައިވާއިރު، މި ނިޒާމް ބޭނުންކޮށްގެން އެއްފަހަރާ 7 ބޯޓަށް ތެޔޮ އެޅުމުގެ ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ