ގައުމީ ކޮމްޕިއުޓަ ވިއުގަ އަޕްގްރޭޑް ކުރަނީ

ނެޝަނަލް ކޮމްޕިއުޓަ ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރުމަށް އެއްބަސްވުމެއް ސޮއިކޮށްފި އެެވެ.
ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީ އަށް ބިނާކޮށް ޤައުމީ ކޮމްޕިއުޓަ ވިއުގަ (ނޭޝަނަލް ކޮމްޕިއުޓަ ނެޓްވޯކް (އެންސީ.އެން) ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް، ހަވާލިކުރީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ އެވެ.
ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެ އެއްބަސްވުމުގައި ހޯމްލޭންޑް މިނިސްޓްރީން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ.
ބައިނަލްއަޤްވާމީ ބީލަމަކަށް ހުޅުވާލައި މިކަމަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށްފައި ވަނީ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެސްޑީވޭން ޓެކްނޯލޮޖީ އަކީ އިންޓަނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ. ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި މި ޓެކްނޯލޮޖީ އަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާ ކުރަން ޖެހެ އެވެ.
އެގޮތުން އެން-އޭބަލް ޕްރައިވެޓް ލިމިޓެޑް އަށް އެން.ސީ.އައި.ޓީ އިން ފޯރުކޮށްދީފައިވާ ރިކުއަޔަމަންޓާއި އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެންސީއައިޓީ އަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.
މި މަސައްކަތް ނިންމަން ދެވިފައިވާ މުއްދަތަކީ 4 މަސް ދުވަހެވެ.
އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ޤާއިމްކޮށްފައިވާ ކޮމްޕިއުޓަރ ވިއުގައެކެވެ. އެންމެ ފުރަތަމަ މި ވިއުގަ ޤާއިމްކޮށްފައިވަނީ 2000 އަހަރުތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ.
ނަމަވެސް ޓެކްނޯލޮޖީ އަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓް ކުރަނީ ދިރާގު އަދި އުރީދޫއިން ޤާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ. ނަމަވެސް އަދި މިއީ އަގުބޮޑު ޚިދުމަތަކަށްވުމާއި، އަދި އޮފީސްތަކުގެ ޑިޖިޓަލް ޚިދުމަތްތަށް ގިނަވެފައިވާތީ މި ނެޓްވޯކްގެ ކެޕޭސިޓީ ވަނީ އިތުރު ކުރަން ޖެހިފަ އެވެ.
މީގެ އިތުން އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރާ އިރު ރަށްރަށުގައި އަޅާފައިވާ ނެޓްވޯކް އިންފްރަސްޓްރަކްޗަރ ހަލާކުވުމުގެ ސަބަބުން ޚިދުމަތްތައް މެދުކެޑި އަލުން ޚިދުމަތް ދޭންފެށުމަށް ގިނަ ގޮންޖެހުންތަކެއް ކުރުމަތި ވެއެވެ.
މިއީ އެކަށީގެންވާ ޓެކްނޯލޮޖީއެއް ނަމަ، ސަރުކާރުން މި ވަގުތު އެން.ސީ.އެން އަށް ކުރާ ޚަދަރު އެތައްގުނައެއް ކުޑަވުމުގެ އިތުރުން ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރެވޭނެ އެވެ. އަދި މި ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުމަށް އެންސީއައިޓީ އަށް ފަސޭހަވުމާއެކު، ކައުންސިލްތަކުން ސަރުކާރާއި ގުޅިގެންދޭ އިތުރު ޚިދުމަތްތަކަށް ޚިދުމަތްތަކަށް މަގުފަހިވެގެން ދާނެ އެވެ.
އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް އަދި ހޮސްޕިޓަލްތަކަށް ވެސް ކުޑަ ޚަރަދަކުން ޤައުމީ ކޮމްޕިއުޓަރގެ ޚިދުމަތް ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާ ނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ