ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނަމަ މާފު ނުކޮށްދެވޭނެ އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ފްލެޓުތަކެއްގެ ކުލި މައާފުކޮށްދެއްވައި، އެސްއެމްއީ ލޯނުތައް މައާފްކޮށްދެއްވާނެ ކަމަށް ގާސިމް އިބްރާހީމް ވަނީ ވައުދުވެވަޑައިގެންފައެވެ.
އެކަމާ ގުޅިގެން އެމަނިކުފާނުގެ ވާދަވެރިން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ގާސިމް ވިދާޅުވީ ސަރުކާރުތަކުން ހިންގާ އެކިއެކި މަޝްރޫތައް މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންގެ ހެވާ ލާބައަށް ކަމަށާއި، މިއަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވިއެވެ.
އަދުގެ ސަރުކާރުން ރައްޔިތުންނާ މެދު އަމަލު ކުރަމުންދަނީ ބޭއިންސާފުންކަން ފާހަގަކުރައްވައި ގާސިމް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ މައްޗަަށް ގާސިމްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާ ލައްވާފައެވެ.
ގާސިމް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ގޯތި ބަހާފައިވަނީ އެއްވެސް ހަމައެއް ލަމައެއްނެތި ކަމަށެވެ.
އެގޮތުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމްކުރަން ފެށި ކޮތަރުކޮށިތަކަށް ވުރެ ކުދި ތަންތަން ކޮޅު ބައެއް މީހުންނަށް ހިލޭ ދީފައިވާއިރު، އަނެއްބައި މީހުންނަށް ގޯއްޗާއި ފްލެޓު ބޮޑު އަގުގައި ވިއްކަމުންދާކަން ފާހަގަ ކުރެއްވިއެވެ.
ސަރުކާރަކުން ރައްޔިތުންނާ މެދު އެފަދައިން އަމަލު ކުރާއިރު ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ވިސްނުމުގެ ތަހުޒީބު ކަމާއި، އަދުލުވެރިކަމާ މެދު ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިއީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ޖަހާ މަޅިއެއްގެ ގޮތުގައި ސިފަކުރައްވާފައި ވެއެވެ.
ސަރުކާރުތަކުން ރައްޔިތުންގެ ފައިސާ ނުކާނަމަ މާފު ނުކޮށްދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ