ނޫސްވެރިކަމުގެ ދިފާއުގައި ނަޝީދު ؛ ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފުވާން ތައްޔާރު!
އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ދައުވާކުރި މައްސަލާގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ. އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން: - "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން. މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.މިކަމާ ގުޅިގެން ނަޝީދު އެކްސްގައި ލިއުއްވީ 'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީގެ މައްސަލާގައި ހިނގަމުންދާ ކަންކަން ބަލައިގަންނަން ދަތި ކަމަށެވެ. އެ ގޮތުން ނަޝީދު ފާހަގަކުރެއްވީ:ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުންމަސްދަރު ހާމަކުރަން މަޖުބޫރުކުރުންނޫހުގެ އޮފީސް ފުލުހުން ރެއިޑް ކުރުންނޫސްތަކާއި ނޫސްވެރިންގެ މުދަލާއި ސާމާނު ފުލުހުން ހިފެހެއްޓުންނުރުހޭ ސުވާލެއް ކުރީމައި، ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުން"އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް ސަރުކާރުން ގޮވާލަން،" މީގެކުރިން ނޫސްވެރިކަން ކުރެއްވި ނަޝީދުގެ ޕޯސްޓްގައިވެ އެވެ. ނަޝީދު އިތުރު ޕޯސްޓެއް ކުރައްވައި ގެގް އޯޑަރުގައި އޮންނަ ތުހުމަތު ތަކުރާރު ކުރެއްވި އެވެ. "ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުއިއްޒުއާއެކު ރައީސް އޮފީހުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެފައި،" ނަޝީދުގެ ޕޯސްޓްގައި ލިއުއްވާފައިވެ އެވެ. ނަޝީދު ދެން ފާހަގަކުރެއްވީ އެ ތުހުމަތު ކުރީ އަދަދު ނޫސް މެދުވެރިކޮށް ކަމުން އަދަދު ނޫހުގެ އިސް ދެ ނޫސްވެރިއަކަށް ދައުވާކޮށް އެ ވާހަކަ ދެއްކުން މަނާކޮށް ކޯޓު އަމުރެއް ނެރުނު ކަމެވެ. "މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް، އަޅުގަނޑު މި ހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށޭ،" ނަޝީދު ލިއުއްވާފައިވެ އެވެ.ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރެއްވީ ހަނު ތިއްބެވުމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ނޫސްވެރިއެއްގެ ގޮތުގައި ހުރެ، މަސްދަރު ހާމަނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ