އޮސްޓްރޭލިއާގެ މެލްބަން ސިޓީގެ ފެޑެރޭޝަން ސްކެއާ ގައި ވޯލްޑް ކަޕް މެޗުތައް ދެއްކުން މަނާކުރަން އެ ސަރަހައްދު ބަލަހައްޓާ އިދާރާއިން ނިންމި ނިންމުން ސަރހައްދީ ސަރުކާރުން އުވާލައިފި އެވެ.
މީގެ ކުރީގެ މުބާރާތްތަކުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ނުރަނގަޅު އަމަލުތަކާ ގުޅިގެން ކަމަށް ބުނެ މެލްބަންގެ ފެޑެރޭޝަން ސްކެއާ ސަރަހައްދުގައި މިފަހަރު ވޯްލްޑް ކަޕަށް ބޮޑު ސްކްރީން ނުބަހައްޓަން ސަރަހައްދީ އިދާރއިން ނިންމި އެވެ.
ވިކްޓޯރިއާ ސްޓޭޓްގެ ވެރިކަންކުރާ ސިޓީ މެލްބަންގައި އަމަލުކުރަން ނިންމި އެ ނިންމުން ބަދަލު ކުރީ އެ ސްޓޭޓްގެ ޕްރިމިއާ ނުވަތަ ވެރިޔާ ޖަސިންތާ އެލަން އެވެ. އެ ނިންމުން ބަދަލުކޮށް، ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ އެކު މެޗުތައް ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސަވައިދޭނެ ކަމަށް އޭނާ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ކޮންމެ އެއްވުމެއްގައި ވެސް މަދު ބައެއްގެ ފަރާތުން ގޯސް އަމަލުތައް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ މުޅި މުޖުތަމައު އެކަކު އަނެކަކާ ވަކިކުރަންޖެހޭ ސަބަބެއް ނޫންކަމަށް ވިދާޅުވި އެވެ.
މެޗުތައް ދައްކާއިރު ފުލުހުންނާއި ސަލާމަތީ އެހެން އޮފިޝަލުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަސްލަހަތު ނަގާލަން އުޅޭ މީހުންނަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ކޮންމެ އާންމު އެއްވުމެއްގައި ވެސް މަދު 'މޮޔައިންތަކެއް' ގެ ފަރާތުން ނުރަނގަޅު އަމަލުތަކެއް ފެނުމުގެ ބިރު އޮންނާނެ. ނަމަވެސް ފުލުހުންނާއި ސެކިއުރިޓީން އެތަނުގައި ތިބޭނެ. އަދި އެފަދަ ކަންކަމަށް އެއްވެސް ދޫދިނުމެއް ނޯންނާނެ،" ޖަސިންތާ އެލަން ވިދާޅުވި އެވެ.
މި ނިންމުމަށް އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަރުހަބާ ކިޔާފަ އެވެ. އެ ފެޑެރޭޝަނުން ބުނީ މިއީ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ހިމެނެނީ ތުރުކީ، ޕެރަގުއޭ އަދި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ އެކު އެއް ގްރޫޕެއްގަ އެވެ. އޮސްޓްރޭލިއާގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު ކެނެޑާގެ ވެންކޫވާގައި ތުރުކީއާ ދެކޮޅަށެވެ.
ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބެލުން މަނާކުރި ނިންމުން އޮސްޓްރޭލިއާގައި އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ